07 Nov 2022, 19:09
އެޕަލްއިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކަށް ފައިސާ ދީގެން ސަބްސްކްރައިބްކޮށްފައިވާ މީހުންގެ އަދަދު މިހާރު 900 މިލިއަނަށް ވުރެ މަތިވެއްޖެއެވެ.
އެޕަލްގެ ޖުމްލަ ސަބްސްކްރައިބަރުންގެ އަދަދު ދަނީ ވަރަށް ބާރު ސްޕީޑުގައި އިތުރުވަމުންނެވެ. މި އަހަރުގެ ޖުލައި މަހު އެ އަދަދު 816 މިލިއަނުގައި ހުރި އިރު، އޭގެ ފަހުން މިހާތަނަށް އެ އަދަދު ވަނީ ގާތްގަނޑަކަށް 90 މިލިއަން އިތުރުވެފައެވެ. ފާއިތުވި ދެތިން އަހަރު ތެރޭގައި ކޮވިޑް-19ގެ ސަބަބުން އޮންލައިން ސަބްސްކްރިޕްޝަން ޚިދުމަތްތައް ނެގި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ކޮވިޑްގެ ސަބަބުން ވަޒީފާތަކާއި އެކިއެކި މަސައްކަތްތަކަށް އެރި ބުރޫ ކޮންމެވެސް ވަރަކަށް ފިލައި ދިޔުމުންނާއި ލޮކްޑައުންގައި ތިބި މީހުން މަސައްކަތަށް އެނބުރި ނުކުންނަން ފެށުމުން އޮންލައިން ޕްލެޓްފޯމްތަކުގައި ސަބްސްކްރިޕްޝަންގެ އަދަދުތައް އިތުރުވާ މިންވަރު މަދުވާނެ ކަމަށް އެނެލިސްޓުން ލަފާކުރިއެވެ. ނަމަވެސް އެޕަލް މިއުޒިކާއި އެޕަލް ޓީވީ+ ފަދަ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަންތައް ހޫލޫ ފަދަ އެހެން ހިދުމަތްތަކާ އަޅާބަލާއިރު ކުރިއަރަމުންދާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
އެޕަލްގެ ޖުމްލަ އެޕް ސަބްސްކްރައިޕްޝަން ކަނޑައަޅަނީ ކިހިނެއް؟
ޖުމްލަ ޔޫޒަރުން ކަނޑައަޅަނީ އެޕަލް ޕްލެޓްފޯމްތަކުގައި ކުރާ ކޮންމެ ސަބްސްކްރިޕްޝަނެއް ހިމަނައިގެންނެވެ. މީގެ ތެރޭގައި އެޕަލްގެ ހިދުމަތްތަކާއި، މުނިފޫހިފިލުވުމުގެ އެޕްތަކާއި، އެޕް ސްޓޯރުގެ އެޕް ސަބްސްކްރިޕްޝަންތައް ހިމެނެއެވެ.
މިފަހަކަށްއައިސް އެޕަލް ކުންފުނީގެ ޕްލެޓްފޯމްތަކުގައި ކުރާ ކޮންމެ ވިޔަފާރިއަކުން ނުވަތަ ސަބްސްކްރިޕްޝަނަކުން އެކުންފުންޏަށް ކޮމިޝަނެއް ނަގާތީ، އެއިން ކޮންމެ ސަބްސްކްރިޕްޝަނެއްވެސް ހިމެނޭނީ އެ ކުންފުނީގެ ޖުމުލަ ފައިދާއަށް އިތުރުވާ އިތުރުވުމެއްގެ ގޮތުގައެވެ.
އެޕަލްގެ ޗީފް ފައިނޭންޝަލް އޮފިސަރު ލޫކާ މައިސްޓްރީ ވިދާޅުވީ މިދިޔަ ކުއާޓަރުގައި އެ ކުންފުނިން އާމްދަނީގެ ރެކޯޑެއް ގާއިމްކޮށްފައިވާއިރު، އެ ކުންފުނީގެ ހިދުމަތްތައް ފަސް ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށްވީ ކުންފުނީގެ ޚިދުމަތްތަކާމެދު ކަސްޓަމަރުންގެ އޮތް ހިތްހަމަޖެހުމާއި އިތުބާރާއި ޔަގީންކަމުގެ ސަބަބުން ކަމުގައި އޭނާ ވިދާޅުވިއެވެ.
އެޕަލްގެ ހަތަރު ވަނަ މާލީ ކުއާޓަރާއި 2022 ވަނަ އަހަރުގެ މުޅި އަހަރުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި ހަތަރު ވަނަ މާލީ ކުއާޓަރުގައި އެޕަލްގެ ޖުމްލަ ސާފު އާމްދަނީއަކީ 90.146 ބިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 83.360 ބިލިއަން ޑޮލަރާ އަޅާބަލާއިރު އަށް ޕަސެންޓުގެ އިތުރުވުމެކެވެ. އޭގެ ސާފު ފައިދާއަކީ 20.721 ބިލިއަން ޑޮލަރެވެ. އެ ކުންފުނީގެ ހިއްސާއަކަށް އެވްރެޖްކޮށް ޖެހުނު އާމްދަނީއަކީ 1.29 ޑޮލަރެވެ. މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ އަދަދު ހުރި މިންވަރު ކަމަށްވާ 1.24 ޑޮލަރާ އަޅާބަލާއިރު ހަތަރު ޕަސެންޓުގެ އިތުރު އަދަދެކެވެ.
އެޕަލްގެ ހަތަރުވަނަ ކުއާޓަރުގައި ޗައިނާއިން އާމްދަނީގެ ގޮތުގައި 15.470 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ ކަމަށްވާ 14.563 ބިލިއަން ޑޮލަރާ އަޅާބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ.
އެމެރިކާގެ ކެލިފޯނިއާގައި އުފެއްދި އެޕަލް ކުންފުންޏަކީ ދުނިޔެއަށް މަޝްހޫރު ބްރޭންޑެޑް ޓެކްނޮލޮޖިކަލް ޑިވައިސްތައް ވިއްކާ ކުންފުންޏެކެވެ. އެގޮތުން އައިފޯނާއި، އައިޕެޑް، މެކްބުކް އަދި އެޕަލް ވޮޗަކީ އެ ކުންފުނީގެ ފާހަގަކޮށްލެވޭ ޕްރޮޑަކްޓްތަކެވެ.
އެޕަލް ކުންފުނި އުފައްދާފައިވަނީ 1975 ވަނަ އަހަރު ސްޓީވް ޖޮބްސް އާއި، ސްޓީވް ވޮޒްނިއެކް އަދި ރޮނަލްޑް ވޭންގެ މަސައްކަތުންނެވެ. އަދި 1980ގައި އެ ކުންފުނީގެ ހިއްސާ ވިއްކަން ފެށި އިރު އެޕަލްގެ އަގަކީ 1.8 ބިލިއަން ޑޮލަރެވެ.