05 Nov 2022, 13:41
އީރާނުގެ ތެލާއި ގޭހުގެ އިންޑަސްޓްރީ އިތުރަށް ތަރައްގީ ކުރުމަށްޓަކައި 40 ބިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ރަޝިއާއެކު ސޮއިކުރަން އީރާން ތައްޔާރުވެއްޖެއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި 40 ބިލިޔަން ޑޮލަރުގެ މި އެއްބަސްވުމުގެ ތެރެއިން 30 ބިލިޔަން ޑޮލަރަކީ އީރާނުގެ ތެލާއި ގޭހުގެ އިންޑަސްޓްރީ އިތުރަށް ފުޅާކުރުމަށްޓަކައި ރަޝިއާގެ ގޭސްޕްރޮމް ކުންފުނިން ކުރާ އިންވެސްޓްމަންޓްތަކެވެ. އަނެއް 10 ބިލިޔަން ޑޮލަރަކީ އީރާނުގެ ކުންފުނިތަކުގެ ހިއްސާއެވެ.
ރަޝިއާއިން އީރާނުގެ ހަކަތައިގެ ދާއިރާގައި ކުރާ 30 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތަކުގެ ތެރޭގައި އީރާނުގައި ގޭސްހުރިތޯ ބެލުމަށް އިތުރަށް ސާވޭތައްކުރުމާއި ގޭސް ނެގޭފެންވަރަށް އިތުރު ގޭސް ފީލްޑެއް ތަރައްގީކުރުން ހިމެނެއެވެ. މީގެއިތުރުން އީރާނުގައި ގޭސް ރައްކާކުރުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމާއި ގޭހުގެ ސިނާއަތާބެހޭ ލެބޯޓްރީތަކާއި ކަރުޚާނާތައް ބިނާކުރުމާއި ގޭސް ވަޅުތަކާއި ގޭހުގެ ކާރުޚާނާތަކާދެމެދު ހޮޅިތައް އެޅުމާއި އީރާނުގެ އިތުރު ތެޔޮވަޅެއް ތަރައްގީކޮށް ޕެޓްރޯ ކެމިކަލް ސިނާއަތު ފުޅާކުރުންވެސް ހިމެނެއެވެ.
ރަޝިއާގެ ތެލާއި ގޭހާބެހޭ މައި ކުންފުނި ކަމަށްވާ ގޭސްޕްރޮމް އަކީ އީރާނުގެ ތެލާއި ގޭހުގެ ސިނާއަތް ތަރައްގީކުރުމަށް ބޭނުންވާ ފައިސާއާއި ފަންނީ ގާބުލިކަން ލިބިފައިވާ ބިޔަ ކުންފުންޏެކެވެ. ނިއުކްލިޔާ މައްސަލައާއި އެނޫންވެސް ހުޅަނގު ނުރުހޭ މައްސަލަތަކާގުޅިގެން އެމެރިކާއާއި ޔޫރަޕުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށްވަނީ އެގައުމުގެ ތެލާއި ގޭހުގެ އިންޑަސްޓްރީ އިތުރަށް ފުޅާކުރުމުގައާއި އިތުރަށް ތަރައްގީ ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އީރާނުގެ ތެލާއި ގޭހުގެ އިންޑަސްޓްރީ ތަރައްގީ ކުރުމުގެ މަސައްކަތްކުރާ ޗައިނާގެ ކުންފުނިތަކާ ދެކޮޅަށްވެސް އެމެރިކާވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މިއީވެސް އީރާނަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.

ރަޝިއާގެ ގޭސްޕްރޮމް ކުންފުންޏަކީ އެމެރިކާއާއި ޔޫރަޕުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކުންފުންޏެއްނަމަވެސް އެއީ ހުޅަނގަށް ބަރޯސާނުވެ އީރާނުގެ ތެލާއި ގޭހުގެ އިންޑަސްޓްރީ ތަރައްގީ ކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ކުރުމުގެ މާލީ އަދި ފަންނީ ގާބިލްކަން ލިބިފައިވާ ބިޔަ މުއްސަނދި އަދި ވަސީލަތްތައް ގިނަ ކުންފުންޏެވެ.
ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އީރާނުންވެސް ފާއިތުވި ތިރިހަކަށް އަހަރުތެރޭގައިވަނީ އަމިއްލަ ނަފްސަށް ބަރޯސާވެގެން އެގައުމުގެ ތެލާއި ގޭހުގެ އިންޑަސްޓްރީ ތަރައްގީ ކުރުމުގެ ފަންނީ ގާބިލުކަން ވަރަށް ބޮޑަށް ހޯދާފައެވެ. ނަމަވެސް އީރާނަކީ މުޅި ދުނިޔޭގައިވެސް ގުދްރަތީ ގޭހުގެ ރިޒާވް ތިންވަނައަށް އެންމެ ބޮޑު ގައުމު ކަމަށްވާތީ އީރާނުގެ ކުންފުނިތަކަށް އެކަނި އެގައުމުގެ ތެލާއި ގޭހުގެ އިންޑަސްޓްރީ ތަރައްގީ ކުރުމަކީ ކުރެވޭވަރަށްވުރެ މާބޮޑު އިންވެސްޓްމަންޓެކެވެ.
އީރާނުގެ ތެލާއި ގޭހުގެ އިންޑަސްޓްރީ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ރަޝިއާއިން އީރާނާއެކު 40 ބިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވަމުންދާކަން ރަޝިއާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ރަޝިއާގެ ބޮޑުވަޒީރުގެ ނައިބު އެލްގްޒެންދަރު ނޮވޯކް ވިދާޅުވިގޮތުގައި ރަޝިއާއާއި އީރާންދަނީ އީރާނުގެ ހަކަތައިގެ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނަވަރުގެ ބިޔަ އިންވެސްޓްމަންޓް ތަކަކާ ދިމާއަށެވެ. މިކަމުގެ ފައިދާ ދެގައުމަށް ވެސް ވަރަށް ބޮޑަށް ކުރާނެކަމަށާ މިއިންވެސްޓްމަންޓްތަކާއެކު އީރާނުގެ ގޭހުގެ ކެޕޭސިޓީ ދެގުނަ މައްޗަށްދާނެކަންއޭނާ ފާހަގަކުރެއްވިއެވެ.
އަންނަ ޑިސެންބަރު މަހުގެތޭރޭގައި މިއެއްބަސްވުމުގައި ސޮއިކުރުމަށް ކުރަންޖެހޭ މަޝްވަރާތައް އިރާނާއި ރަޝިއާގެ ކަމާބެހޭ ފަންނީ ބޭފުޅުންގެ މެދުގައި ކުރަމުން ގެންދާތަ އެތައް މަހެއް ވެއްޖެއެވެ. މިހާރު މިވާހަކަތައްވަނީ އޭގެ އެންމެ ފަހުގެ މަރުހަލާގައި ކަމަށް ނޮވޯކް ވިދާޅުވިއެވެ.
މިއެއްބަސްވުމުގެ ދަށުން އީރާނުގައި ގޭސް ހޮޅިތައް އަޅައި ގޭސް ރައްކާކުރުމަށް ބޭނުންވާ ސްޓޯރޭޖްތައް ބިނާކުރުމުގެ މަސައްކަތް ފަށައިގަންނަ ދުވަސްވަރު އީރާނުގެ ގޭހުގެ އިންޑަސްޓްރީއަށް މަޑުޖެހުމެއް އަންނާނެތީ އެދުވަސްވަރު އީރާނަށް ބޭނުންވާ ގޭސް ފޯރުކޮށްދޭގޮތަށް ހަމަޖެހިފައިވަނީ ރަޝިއާއިންނެވެ. މިމަސައްކަތްކުރާ ދުވަސްވަރު ރަޝިއާއިން ނުވަ މިލިއަން ކިއުބިކް މީޓަރުގެ ގޭސް އީރާނަށް ފޯރުކޮށްދޭނެކަމަށް ނޮވާކް ވިދާޅުވިއެވެ.
ޔުކްރެއިން ހަނގުރާމައާއެކު އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމާއެކު ރަޝިއާއި އީރާނުގެ ގުޅުންތައްވަނީ ވަރަށްބޮޑަށް ބަދަހިވެ ސްޓްރެޓީޖިކް ލެވެލްއަށް ގޮސްފައެވެ. އީރާނުން ރަޝިއާއަށް ގިނަ އަދަދެއްގެ ޑްރޯންއާއި ބައެއް ބާވަތްތަކުގެ ބަލިސްޓިކް މިސައިލް ފޯރުކޮށްދޭކަމަށް އެމެރިކާއާއި ޔޫރަޕް އަދި ޔުކްރެއިން އިން ތުހުމަތު ކުރެއެވެ.
އީރާންވަނީ ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް އީރާނުގައި އުފައްދާ ވެހިކަލްތަކާއި ހަތިޔާރު ނޫން އެތައް ބާވަތެއް ތަކެތި ޔޫކްރެއިން ހަނގުރާމައާއެކު ވަރަށް ގިނަ އަދަދަކަށް ރަޝިއާއަށް އެކްސްޕޯޓްކުރަން ފަށާފައިވާކަމަށް އީރާން އެއްބަސްވެއެެވެ.

2020 ގައި އީރާނުގެ ކުރީގެ ސަރުކާރުން ޗައިނާއާއެކު ސްޓްރެޓީޖިކް އެއްބަސްވުމުގައި ސޮއިކުރަނީ
މީގެބަދަލުގައި ރަޝިއާ ގެންދަނީ އީރާނުގެ ނިއުކްލިޔާ ޓެކްނޮލޮޖީ އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެމުންކަމަށް ޖާސޫސީ މައުލޫމާތުގެ އަލީގައި އެމެރިކާގެ މަސްއޫލުވެރިންވަނީ ތުހުމަތު ކުރައްވާފައެވެ.
އަނެއްކޮޅުން 2020 ވަނަ އަހަރު އީރާނުންވަނީ ޗައިނާއާއެކުވެސް ތަރައްގީގެ ސްޓްރެޓީޖިކް ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުން ބިނާވެފައިވަނީ ޗައިނާއިން އީރާނުގެ މަދަނީ އިންފްރާސްޓްރަކްޗަރ އިތުރަށް ތަރައްގީކޮށް ޒަމާނީ ކުރުމަށްޓަކައި 30 ބިލިޔަން ޑޮލަރު އިންވެސްޓް ކޮށްދިނުމާއި އޭގެބަދަލުގައި ޗައިނާއަށް ބޭނުންވާ ތެލާއި ގޭސް އީރާނުން ފޯރުކޮށްދިނުމުގެ މައްޗަށެވެ.
އީރާނުން ތެލާއި ގޭސް ތަރައްގީކުުރުމަށާއި އަދި މަދަނީ އިންފްރަސްޓްރަކްޗާ ތަރައްގީ ކުރުމަށް ރަޝިއާ އާއި ޗައިނާއާއެކު ވަމުންދާ އަގުބޮޑު އަދި ސްޓްރެޓީޖިކް އެއްބަސްވުންތަކުގެ ސަބަބުން އީރާނުގެ މުޅި ބާޒާރު ހުޅަނގުގެ ކުންފުނިތަކަށް ގެއްލިގެންދާނެކަމުގެ ބިރު ހުޅަނގުން މިހާރުވަނީ އިހުސާސް ކުރަންފަށާފައެވެ. މިއީ ޗައިނާއާއި ރަޝިއާ ފަދަ ގައުމުތަކާ ވާދަކުރުމުގައި މުސްތަގްބަލުގައި ހުޅަނގުން ކަންބޮޑުވާވަރުގެ ސްޓްރެޓީޖިކް ގެއްލުމަކަށް ވާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.