05 Nov 2022, 10:16
ޕްރިޔަންކާ ޗޯޕްރާ އާއި އާލިއާ ބަޓް އަދި ކެޓްރީނާ ކެއިފް އެކުގައި ފެންނަ 'ޖީލޭޒަރާ'ގެ ޝޫޓިން އަންނަ އަހަރު ފެށޭނެ ކަމަށް ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.
ތިން އަހަރު ފަހުން މުމްބާއި އަށް އައިސް އޭނާގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތާ ގުޅޭގޮތުން ޕްރިޔަންކާ ވަނީ ވާހަކަދައްކާފައެވެ. ފަރްހާން އަޚްތަރު ޕްރޮޑިއުސްކުރާ މި ފިލްމުގައި ޕްރިޔަންކާއާއެކު ކެޓްރީނާ އަދި އާލިއާ ފެންނާނެއެވެ. މިއީ މި ތިން ތަރިން އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ. ފިލްމުގެ ނަން އިއުލާން ކުރުމަށްފަހު ދިމާވި ކޮވިޑްގެ ޕެންޑެމިކް އަށްފަހު ފިލްމުގެ ޝޫޓިން މިހާތަނަށް އޮތީ ހުއްޓިފައެވެ.
ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ އޭނާ ބޭނުންވީ ހިންދީ ފިލްމެއް ހަދަން ކަމަށާއި އަދި އެއީ އަންހެނުންނަށް ބިނާކޮށް ހަދާ ފިލްމަކަށް ވާން ބޭނުންވި ކަމަށެވެ. އެގޮތުން، އެ ޕްރޮޖެކްޓުގައި އޭނާ ބޭނުންވީ އެންމެ ފުރަތަމަވެސް އާލިއާ އާއި ކެޓްރީނާ ބައިވެރިކުރަން ކަމަށް ޕްރިޔަންކާ ބުންޏެވެ.
"އަހަރެން ބޭނުންވީ އަހަރެންގެ ރައްޓެހިންނާއެކު ހިންދީ ފިލްމެއްގެ މަސައްކަތް ކުރަން. އެ ފިލްމު ބޮކްސް އޮފީހުގައިވެސް ކާމިޔާބުވެ އެއީ އަހަރުމެން [އަންހެނުން]ގެ ފިލްމަކަށް ވާން. އެގޮތުން އެންމެންވެސް ނިންމީ ފިލްމުގެ މަސައްކަތް ކުރަން. އުއްމީދު ކުރަނީ އަންނަ އަހަރު ޝޫޓިން ފެށޭނެ ކަމަށް" ޕްރިޔަންކާ ބުންޏެވެ.
މި ފިލްމު އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރު އޮގަސްޓުމަހުއެވެ. ހުރިހާ ތަރިންގެ ޝެޑިއުލްއާއެއްގޮތަށް ފިލްމުގެ މަސައްކަތް ރާވަން ތިން އަހަރު ނެގިކަމަށް ފިލްމު އިއުލާންކުރިއިރު ބުނެފައިވެއެވެ.
ފަރްހާން އަޚްތަރު ޑައިރެކްޓްކުރާ މި ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތްވެސް ކުރަނީ އޭނާއެވެ. އަދި، ފަރްހާން އާއެކު ދައްތަ ޒޯޔާ އަޚްތަރުވެސް ސްކްރިޕްޓު ލިޔުމުގައި މަސައްކަތް ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.