ހޭލެވުނީ ދަރިފުޅު ހަޅޭއްލަވާ އަޑަށެވެ. ކޮޓަރިއަށް ދެވުނުއިރު ފެނުނު މަންޒަރަކީ ކޮންމެ މަޔަކުވެސް އަދި ބަފަޔަކު ވެސް އެންމެ ދެކެން ބޭނުންނުވާ މަންޒަރެވެ. އެއީ އުމުރުން އެންމެ 12 އަހަރުގެ އަންހެން ދަރިފުޅުގެ އިއްފަތްތެރިކަން ފޭރިގަންނަން ބަޔަކު މަސައްކަތް ކުރަމުންދާ މަންޒަރެވެ.

މިއީ ގއ. އަތޮޅުގެ ރަށެއްގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ކުއްޖާގެ ބައްޕަ، އަސަރާއެކު ހިއްސާކުރި ވާހަކަތަކެވެ.

ވަގުތަކީ ކިތަންމެ ނާޒުކު ވަގުތުކޮޅެއް ނަމަވެސް އެ އާއިލާއިން އެވަގުތު ކަންތައް ކޮށްފައިވަނީ ވިސްނުންތެރި ކަމާއެކުގައެވެ. ދަރިފުޅުގެ އަބުރު ވެއްޔާ މޮޑެލުމަށް މަސައްކަތްކުރި ދެ މީހުންނަށް އެއްވެސް އަނިޔާއެއް ނުދީ އެ އާއިލާއިން ވަނީ އެ މީހުން ފުލުހުންނާ ހަވާލު ކޮށްފައެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ ފުލުހުން ވަނީ އިންޑިއާއަށް ނިސްބަތްވާ އެ ދެމީހުން ދޫކޮށްލާފައެވެ.

"މުޅިން ގޮތް ހުސްވެއްޖެ. އެ މީހުން ހައްޔަރު ނުކުރެވޭއިރު ޖެންޑާ އަދި ފުލުހަކުން ވެސް އެއްބާރުލުމެއް ނުލިބޭ. ދަރިފުޅަށް އިންސާފު ހޯދައިދިނުމަތް އެހީވެދީ،" އެ ކުއްޖާގެ ބައްޕަ އާދޭހާއެކު ބުންޏެވެ.

ކުއްޖާގެ ބަޔާންވެސް ނަގައިފިއެވެ. ތަހުގީގުވެސް ފަށައިފިއެވެ. ނަމަވެސް މުޖުރިމުން ހައްޔަރު ނުކުރެވޭއިރު އެ ކުއްޖާއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. ބިރުން ނުވެސް ނިދެއެވެ. އެ ކުޑަކުޑަ ކުއްޖާގެ އިތުރުން އާއިލާއަށް ވެސް ވަނީ ނަފްސާނީ ގޮތުން އަސަރު ކޮށްފައެވެ.

"ދަރިފުޅަށް އަނިޔާދިން މީހުން ހައްޔަރު ނުކުރާހާ ހިނދަކު ކިހިނެއް ހަމަޖެހިގެން އެންމެ ލޮލުފިޔައެއް ވެސް ޖަހާނީ،" އެ ބައްޕަ ސުވާލުކުރިއެވެ.

މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް ރައްޔިތުން އެކަންކަމާ ދެކޮޅަށް އަޑުއުފުލާ، ކުދިންނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރެއެވެ. ނަމަވެސް މި މައްސަލައިގައި މުޅި ގައުމު ނިދާފައިވާ ކަހަލައެވެ. ކުޑަކުޑަ ކުއްޖެއްގެ އިތްފަތްތެރިކަން ފޭރިގަތުމަށް ދަންވަރުގެ ވަގުތު، މަސްތުގެ ހާލަތުގައި ތިބި ދެމީހުން މަސައްކަތް ކުރިއިރު އެކަމާ ދެކޮޅަށް އަޑުއުފުލާނެ މީހަކު ނެތެވެ.

ތަހުގީގުކުރަމުންދާ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.