14:30


މިހާރުގެ ސަރުކާރުން މައުލޫމާތު ފަތުރަމުންދަނީ، މައުލޫމާތު ހޯދައި ލިބިގަތުމަށް ގާނޫނު އަސާސީގައި ބުނާ މަފްހޫމާ އެއްގޮތަށް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ބިލުގެ ބަހުސްގައި އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވިދާޅުވީ، ދެފުށް ފެންނަ ގޮތެއްގައި މައުލޫމާތު ފަތުރަމުންދާ ކަމަށް ސަރުކާރުން ބުނަމުން ގެންދިޔަ ނަމަވެސް، ސަރުކާރުން މަޢުލޫމާތު ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރި މަސައްކަތުގެ ތެރެއިން އެފަދަ މައްސަލައެއް މިހާރު ކޯޓުގައި އޮތުމުން ވެސް މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ގެންގުޅޭ އުސޫލު އެނގިގެންދާ ކަމަށެވެ. އަދި މި ބިލަކީ މިހާރުން މިހާރަށް ފާސްކުރަން ވެސް މުހިއްމު ބިލެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


މި ބިލަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވިދާޅުވީ، މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރުން މިހާރު ވެސް ލަސްވެއްޖެ ކަމަށެވެ. އަދި ލިބިފައިވާ މިނިވަންކަމުގައި މީޑިޔާއިން ފަތުރާ ހުރިހާ މައުލޫމާތުތަކަކީ އެންމެ އެދެވޭގޮތަށް ފަތުރަމުންދާ ތެދު މައުލޫމާތު ނޫން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ވެސް މި ބިލަށް ތާއީދު ކުރައްވައި ވިދާޅުވީ، މި ފަދަ ބިލެއް ގާނޫނަކަށް ވެގެންދާއިރު ތަންފީޒީ ދާއިރާތައް ވަރަށް ބޮޑަށް ހަރުދަނާވާން ޖެހޭނެ ކަމަށެވެ. އަދި އެވެސް ފަރާތަކުން މިހާރު މައުލޫމާތު ފަތުރަމުންދަނީ އެންމެ އެދެވޭގޮތަށް ނޫން ކަމަށް އެ މެންބަރުން ވެސް ފާހަގަކުރެއްވި އެވެ.


މައުލޫމާތު ހޯދައި ލިބިގަތުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވަނީ ފާސްކޮށްފަ އެވެ.


މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު، އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ކޮމިޓީން ބިލަށް ބޮޑެތި އިސްލާހްތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެބިލުގައި އެކުލަވާލަންޖެހޭ ކަމަށް ބުނެފައިވާ ބޯޑުގެ މެންބަރުންނަށް ސަރުކާރުގެ ބާރު ފޯރުވޭގޮތަށް ބިލުގައި ހިމަނާފައިވާ ބައި ބަދަލުކޮށް އެބޯޑު އައްޔަން ކުރަންޖެހޭނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ބިލަށް އިސްލާހް ގެނަސްފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.


އެކުވެރި ދައުލަތްތަކުގެ ސަފީރު ކަމަށް އައްޔަންކުރައްވާފައިވާ ހ.އޯކިޑް، އިބްތިޝާމް އާދަމް، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނާއި، ސުވިޒަލޭންޑްގައި ހުންނަވާ ސަފީރު ކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި އެވެ. އެހެން ކަމުން އެނަން ދިރާސާ ކުރުމަށް މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ވަނީ މަޖިލީހުގެ ދާހިލީ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.


އަދި މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހިމަނާ މެންބަރެއްގެ ގޮތުގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ ނަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.