މިސްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އދ.ގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27)ގައި ސްރީ ލަންކާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ނަޝީދު މިސްރަށް ކުރައްވާ ރަސްމީ އެ ދަތުރުފުޅުގައި އެމަނިކުފާނު ކޮޕް27ގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިމަކްރޮޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައެވެ.

އަންނަ އަންގާރަ ދުވަހު މިސްރުގައި ބާއްވާ ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް އިވެންޓް (ޕޭވިންގު ދަ ވޭ ފްރޮމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީ) ގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެ ހަރަކާތުގައި މޫސުމީ ތަނަވަސްކަމުގެ ގައުމީ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލާނެއެވެ.

ރައްޔިތިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިސްރަށް ފުރާވަޑައިގެންނެވުން --- ފޮޓޯ/ މަޖިލިސް

އެ ބައްދަލުވުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަދި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވާ، އިންތިޒާމު ކުރާ ބައްދަލުވުމެކެވެ.

ނަޝީދު މިސްރަށް ކުރައްވާ އެ ދަތުރުފުޅުގައި ސީވީއެފް އާއި ވީ20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާ ވެސް ކޮޕް27ގެ ހަވާސާގައި ބައްދަލުކުރައްވާނެއެވެ.

މިވަގުތު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ (ސީވީއެފް)ގެ ވަލްނަރަބަލް ޓްވެންޓީ (ވީ20) ގުރޫޕުގެ ރިޔާސަތު ބަލަހައްޓަނީ ގާނާއިންނެވެ. އަދި ރާއްޖެއަކީ ވެސް ސީވީއެފްގެ މެންބަރު ގައުމެކެވެ.

ކޮޕް27ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މިސްރަށް ފުރާވަޑައިގެންފައެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.