ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީގެ ރެޖިސްޓްރާ ޖެނެރަލް އޮފް ޝިޕިންގެ މަގާމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި އިސް އެކްޓިވިސްޓް އިބްރާހިމް ނާޒިމް އައްޔަން ކުރައްވައިފި އެވެ.

ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ކުރި މުޒާހަރާތަކުގައި އެކި ފަހަރަމަތިން ފުލުހުން ހައްޔަރުކޮށްފައިވާ ނާޒިމް ވިދާޅުވީ މަގާމާ މިއަދު ހެނދުނު ހަވާލުވެ ވަޑައިގެން މަސައްކަތަށް ނުކުންނަވާފައިވާ ކަމަށެވެ.

މިނިސްޓަރުގެ ނައިބު ފެންވަރުގައި ނާޒިމް މިއަދު މަގާމާ ހަވާލު ވެވަޑައިގެންނެވި އިރު ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އާދަމް ޒާލިފަށް ވަނީ އެކޮނިމިކް މިނިސްޓްރީގެ ނައިބުކަން ދެއްވައިފަ އެވެ.

ރައީސް ވަހީދުގެ ސަރުކާރު އައުމަށްފަހު ކުރީ ސަރުކާރަށް ފާޑުކީ ފަރާތްތަކަށް މަގާމުތައް ދެމުންގެންދާތީ ގިނަ ބަޔަކު ދަނީ މި ސަރުކާރަކީ ވެސް މަތިބަރު ސަރުކާރެއް ކަމަށް ތުހުމަތުކޮށް ފާޑުކިޔަމުންނެވެ.