04 Nov 2022, 10:34
ސަލްމާން ޚާން އާއެކު 'ޓައިގާ3' ފިލްމަށް ރިދީ ޑޯގްރާ ކާސްޓުކޮށްފިއެވެ.
ސަލްމާން ޚާން އާއި ކެޓްރީނާ ކެއިފް އެކުގައި ފެންނަ ޓައިގާ ފިލްމުގެ ތިން ވަނަ ބައި އުފައްދާނެ ކަމަށް ބުނުމާއެކު ގިނަ ބަޔަކު ވަނީ އެ ފިލްމަށް އިންތިޒާރުކޮށްފައެވެ. ފިލްމުގެ އިތުރު ތަފްސީލެއް ދެމުން ފިލްމުގެ ޓީމުން ވަނީ މި ފިލްމަށް ރިދީ ކާސްޓުކޮށްފައިވާ ކަމަށްބުނެފައެވެ.
ރިދީ އަކީ ޓީވީ ސްކްރީނުތަކުގައި އާއްމު މޫނެކެވެ. އޭނާ އެންމެ މަގުބޫލުވީ 'މަރިޔާދާ' ޑްރާމާ ސީރީޒް އިންނެވެ. ޕްރޮޑަކްޝަންގެ މަސައްކަތުގައި އުޅޭ ފަރާތަކުން ހާމަކޮށްފައިވާގޮތުގައި ޓައިގާ3 ގެ ކާސްޓިން ވަރަށް ވަރުގަދައެވެ. އެގޮތުން، ރިދީ އާއެކު އިމްރާން ހާޝްމީވެސް ފެންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. އެހެންނަމަވެސް، މި ފިލްމުގައި ރިދީގެ ކެރެކްޓާ އަކީ ކޮބައިކަމެއް އަދި އިތުރު ތަފްސީލެއް ހާމަ ނުކުރެއެވެ.
ފިލްމުގެ ޝޫޓިން ނިމިފައިވާއިރު ފިލްމުގެ ފައިނަލް ޕްރޮޑަކްޝަން މަސައްކަތްތައް ދަނީ މިހާރު ކުރިއަށެވެ. އަދި އަންނަ އަހަރަށް ރިލީޒް ކުރުމަށް ފިލްމުގެ ޕްރޮޑިއުސަރުން ދަނީ ތައްޔާރުވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
'އެކްތާ ޓައިގާ' އާއި 'ޓައިގާ ޒިންދާހޭ' އަށް ފަހު ޓައިގާގެ ތިން ވަނަ ފްރެންޗައިސްގައި ސަލްމާން އާއެކު ފުރަތަމަ ފިލްމުގައި ފެނުނު ކެޓްރީނާ މައި ރޯލުތަކުން ފެންނާނެއެވެ. މި ދެ ތަރިންވެސް ފެންނާނީ ޖާސޫސީ ރޯލަކުން ކަމަށްވެއެވެ. ޔަޝްރާޖްފިލްމްސް އިން އުފައްދާ މަނީޝް ޝަރްމާ ޑައިރެކްޓުކުރާ މި ފިލްމު ސްކްރީންތަކުގައި އަޅުވަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރު ނޮވެމްބަރު ހިސާބުގައެވެ.
'އެކް ތާ ޓައިގާ' އަކީ 2012 ވަނަ އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުން ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ. ހަތްދިހަ ފަސް ކްރޯރްގެ ބަޖެޓަކުން ހެދި މި ފިލްމަށް 325 ކްރޯރް ލިބުނެވެ. އަދި، ބައިނަލްއަގުވާމީ ގޮތުން ފައިދާ ލިބުނު ފިލްމުތަކުގެ ތެރޭގައި މި ފިލްމު ހިމެނެއެވެ.