04 Nov 2022, 10:19
ޝެލީ ޑޫވަލް އެންމެ ފަހުން ކުޅުނު ފިލްމަށް 20 އަހަރު ފަހުން ބޮޑު ސްކްރީނަށް އަންނަން މަސައްކަތް ފަށައިފިއެވެ.
އުމުރުން 73 އަހަރު ވެފައިވާ ޑޫވަލް އަކީ 1980ވަނަ އަހަރު ނެރުނު ސްޓެންލީ ކުބްރިކްގެ 'ދަ ޝައިނިންގ' އިން މަގުބޫލުކަން ހޯދި ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނުނީ 2002 ވަނަ އަހަރު ނެރުނު 'މަންނާ ފްރޮމް ހެވަން' ފިލްމުންނެވެ. އަދި އެ ފިލްމުގެ މަސައްކަތް ނިމުމުން ހޮލީވުޑް އިން ރިޓަޔާ ކުރީ ކަމަށް ޑުވަލް ވަނީ ބުނެފައެވެ.
ހަބަރުތައް ބުނާގޮތުން ޑޫވަލް މިހާރު ތައްޔާރުވަމުން ދަނީ 'ދަ ފޮރެސްޓް ހިލްސް' ކިޔާ ބިރުވެރި ފިލްމެއް ކުޅުމަށެވެ. މި ފިލްމުގައި ޑޫވަލް ފެންނާނީ ޗިކޯ މެންޑޭޒްގެ މަންމަގެ ރޯލުންނެވެ. 'ފޮރެސްޓް ހިލްސް'ގައި 'ދަ ހައުލިންގ' އިން ފެނުނު ޑީ ވަލަސް އާއި 'ޓާމިނޭޓާ 2: ޖަޖްމެންޓް ޑޭ" އިން ފެނުނު އެޑްވާޑް ފާލޮންގ ވެސް ފެންނާނެއެވެ. މިއީ ސްކޮޓް ގޯލްޑްބާގް ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ.
ޑޫވަލް އަކީ ހޮލީވުޑްގައި ކާމިޔާބު އެކްޓްރެސް އެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތަރިއެކެވެ. އޭނާ 1977 ވަނަ އަހަރު ކުޅުނު ސައިކޮލޮޖިކަލް ތުރިލާ '3 ވުމަން' ފިލްމުން ކަންސް ފިލްމް ފެސްޓިވަލްގެ ބެސްޓް އެކްޓްރެސް އެވޯޑް 1977 ވަނަ އަހަރު ލިބިފައިވާއިރު ލޮސް އެންޖަލަސް ފިލްމް ކްރިޓިކްސް އެސޯސިއޭޝަނުން ދިން ބެސްޓް އެކްޓްރެސް އެވޯޑުވެސް ހަމަ އެ ފިލްމަށް ވަނީ ލިބިފައެވެ. މީގެ އިތުރުންވެސް އެކި ފިލްމުތަކުގެ މަސައްކަތަށް ވަނީ އެކި އެވޯޑުތަކުން ނޮމިނޭޓްވެފައެވެ.