03 Nov 2022, 19:47
ދިރާގަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 202.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ބަޔާނަށް ބަލާއިރު، މި ކުއާޓަރުގައި 627.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، އެކެއް އިންސައްތައިގެ ކުރިއެރުމެކެވެ.
މި ކުއާޓަރުގައި ދިރާގުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މޯބައިލްގެ ހިދުމަތްތަކުން ލިބުނު އާމްދަނީ އިތުރުވުމެވެ. މި މުއްދަތުގެ ތެރޭގައި މޯބައިލް ވިޔަފާރިން 316.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތްތަކުން ވަނީ 291.4 މިލިއަން ރުފިޔާ ލިބިފައެވެ.
ތިންވަނަ ކުއާޓަރުގައި ދިރާގަށް ވިޔަފާރި ހިންގައިގެން ޖުމްލަ ފައިދާގެ ގޮތުގައި 246.6 ލިބިފައިވާއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 237.9 މިލިއަން ރުފިޔާއެވެ.
ދިރާގުގެ ތިންވަނަ ކުއާޓަރުގެ މާލީ ބަޔާނުގެ ބެލެންސްޝީޓުގެ އުސްއަލިތަކަށް ބަލާއިރު، މި ކުއާޓަރު ނިމުނުއިރު، ވިޔަފާރިން އަންނަ ނުވަތަ ލިބެންހުރި ފައިސާގެ އަދަދު އުޅެނީ 772.2 މިލިއަން ރުފިޔާގައެވެ. މި ކުއާޓަރު ނިމުނުއިރު އެހެން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު އުޅެނީ 705.5 މިލިއަން ރުފިޔާގައެވެ.
ގައުމީ ޓެލެކޮމް ކުންފުނި ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހްރެއިންގެ ބަހްރެއިން ޓެލެކޮމިޔުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)އެވެ. ދިރާގުގައި ބަޓެލްކޯގެ 52 އިންސައްތަ ހިއްސާ އޮންނައިރު، ދިވެހި ސަރުކާރުގެ ހިއްސާއަކީ 41.8 އިންސައްތައެވެ. ދިރާގުގައި އާއްމު ރައްޔިތުން ހިއްސާކުރަނީ 6.2 އިންސައްތައެވެ.