އެގްރިކަލްޗަރު މިނިސްޓްރީގެ ދަށުގައި ހުރި ފަޅު ރަށްތަކުގެ ތެރެއިން ސަރުކާރުގެ އެކި މިނިސްޓްރީތަކާ ހަވާލުކޮށްފައިވާ ރަށްތަކާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތައް ފިޔަވައިި އެހެން ހުރިހާ ރަށެއް އަތޮޅުތަކުގެ އަތޮޅު ކައުންސިލްތަކާ ހަވާލު ކުރުމަށް ނިންމައިފި އެވެ.

މިނިސްޓްރީގެ ދަފުތަރުގައި 953 ރަށެވެ.

އެގްރިކަލްޗަރު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ މިނިސްޓްރީތަކަށައި އެހެން ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތައް ފިޔަވައި ދެން ހުރި ފަޅުރަށްތައް މިއަދު ފެށިގެން އަތޮޅު ކައުންސިލްތަކާ ހަވާލުކޮށްފައިވާ ކަމަށާއި މިހާރު ވެސް ކަނޑައަޅާފައިވާ އުސޫލުން އަތޮޅު ކައުންސިލްތަކަށް އެއަތޮޅެއްގެ ފަޅުރަށްތައް، ފަޅުރަށްރަށާބެހޭ ޤަވާޢިދު ގެ 21 ވަނަ މާއްދާގެ ދަށުން ވަރުވާއާ އެއްވަރުގެ ޢަދަދެއްގެ ފައިސާ ދެއްކުން ޝަރުތުކޮށް އިޢުލާނު ކުރުމަށްފަހު މިނިސްޓްރީން ކަނޑައަޅާ މިންގަޑުތަކެއްގެ ދަށުން ހޮވާ ފަރާތަކާ ވަގުތީގޮތުން ބެލެހެއްޓުމަށް ޙަވާލު ކުރެވިދާނެ ކަމަށެވެ. އަލީ ވިދާޅުވީ އެގޮތަށް ރަށެއް ޙަވާލު ކުރެވޭނީ ވެސް އެރަށެއް ޙަވާލު ކުރެއްވުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށެވެ.

"މިރަށްތައް މި ޙަވާލު ކުރެވެނީ ވަގުތީގޮތުން ބެލެހެއްޓުމަށް ކަމަށްވާތީ ދިގު މުއްދަތަށް ކުރެވޭ އެއްވެސް އެގްރިމެންޓެންގެ ދަށުން ރަށްތައް ދުލެއް ނުކުރެވޭނެ އަދި ސަރުކާރުން ބޭނުންވެއްޖެ ހިނެއްގައި އަތޮޅުކައުންސިލްގެ މަޝްވަރާއާއެކު އިޤްތިޞާދީ އަދި އެހެނިހެން ކަންކަމަށް މިރަށްތައް ކަނޑައެޅޭނެ، މި ބަދަލު ގެނެސްފައި ވަނީ ކުރިން ހިންގަމުން އައި ގައުމީ އިދާރާތައް އުވާލުމާ ގުޅިގެން،" އަލީ ވިދާޅުވި އެވެ.

އަލީ އަދި ވިދާޅުވީ ފަޅުރައްތައް ދޫކުރުމުގައި ވޭތުވެދިޔަ ތަނުގައި އަމަލުކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެކަކަން ކޮށްފައިވާ ގޮތް ބެލުމަށްފަހު އެ މައުލޫމާތު ވެސް އާންމު ކުރައްވާނެ ކަމަށެވެ.

"އެކަމާބެހޭ އުސޫލުތައް މިނިސްޓްރީން ވަރަށް އަވަހަށް އިއުލާން ކުރާނެ، އަދި ފަޅުރަށްތައް ބޭނުން ކުރާމާބެހޭ ގަވައިދެއްވެސް ލަހެއް ނުވެ އެކުލަވައިލާނެ،" އަލީ ވިދާޅުވި އެވެ.