03 Nov 2022, 18:01
ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ހިންގާ ގަވާއިދު އެކުލަވާލައިފިއެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވާ މި ގަވާއިދުގައި، އެކައުންސިލް ހިންގުމުގެ އުސޫލުތަކާއި، މަސްއޫލިއްޔަތާއި ޒިންމާތައް ބަޔާންކޮށްފައިވެއެވެ.
މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އެކުލެވިގެންވަނީ ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިޝަނަރުންގެ ތެރެއިން އައްޔަންކުރާ ތިން މެޑިކަލް ޕްރެކްޓިޝަނަރުންނާއި، ރާއްޖޭގައި މަސައްކަތްކުރާ ޑެންޓަލް ޕްރެކްޓިޝަނަރުންގެ ތެރެއިން މެޑިކަލް ޕްރެކްޓިޝަނަރަކާއި މިނިސްޓަރު އައްޔަންކުރާ ފަރާތެކެވެ.
މީގެ އިތުރުން މެޑިކަލް ޕްރެކްޓިޝަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއް ކަމުގައި ނުވާ ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއަކާއި، ސިއްޚީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީންކުރާތާ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކާއި، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާތާ ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެއްގެ އިތުރުން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ވެސް އެ ކައުންސިލްގައި ހިމެނެއެވެ.
މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް މެމްބަރުން އައްޔަންކުރުމާ ބެހޭ އިދާރީ އެންމެހައި ކަންކަން ފުރިހަމަ ކުރާނީ ހެލްތު މިނިސްޓްރީންނެވެ. މަގާމުތަކަށް މެމްބަރުން ހޮވުމަށްޓަކައި، މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަރާތަކާއި މަދަނީ ޖަމިއްޔާއަކަށް ނިސްބަތްވާ މީހަކު ހިމެނޭހެން ސެލެކްޝަން ކޮމިޓީއެއް މިނިސްޓްރީން އެކުލަވާލަން ޖެހެއެވެ.
ކައުންސިލަށް މެމްބަރުން އައްޔަންކުރުމުން އެކައުންސިލް އެކުލަވާލާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.