03 Nov 2022, 14:25
އިނގިރޭސި ގައުމީ ޓީމުގެ ފުލްބެކް ބެން ޗިލްވެލްއަށް އަނިޔާވެ ވޯލްޑްކަޕް ނުކުޅެވިދާނެކަމަށް މީޑިއާ ރިޕޯޓިތައް ބުނަން ފަށައިފިއެވެ.
ޗެލްސީއަށް ކުޅެމުންއަންނަ ޗިލްވެލްއަށް އަނިޔާވެފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީއާއި ޑައިނަމޯ ޒެގްރެބް ބައްދަލުކުރި މެޗުގެ ތެރެއިންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަނިޔާވެފައިވަނީ ޗިލްވެލްގެ ފައިފަަލަ މަސްގަނޑަށެވެ. އެ އަނިޔާ ވޯލްޑަކަޕްގެ ކުރިން ރަނގަޅު ނުވާނެކަމަށް ވެސް މީޑީއާތަކުން ރިޕޯޓުކުރެއެވެ.
ރޭގެ މެޗަށްފަހު ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ މީޑިއާއާާ ވާހަކަދައްކަމުން ބުނީ ޗިލްވެލްގެ އަނިޔާ ރަނގަޅުކަމަށް ނުފެންނަ ކަމަށެވެ.
އެ ޓީމުގެ މެޑިކަލް ޓީމުން ޗިލްވެލްގެ އިތުރު ޓެސްޓުތައް ހެދުމަށްފަހު އަނިޔާއާ ގުޅޭ އިތުރު މައުލޫމާތު ދޭނެކަމަށް ވެސް އޭނާ ބުންޏެވެ.

ޖޭމްސް އެންޑޯރާއާ ދެކޮޅަށް ވޯލްޑްކަޕް ކޮލިފައިންގައި ކުޅެނީ --- ފޮޓޯ/ ގެޓީ އިމޭޖްސް
އިންގްލެންޑު ގައުމީ ޓީމުގެ ފުލްބެކް ރީސް ޖޭމްސްއަށް މިދިޔަ މަހުގެ ތެރޭގައި ވަނީ އަނިޔާވެފައެވެ. އޭނާގެ އަނިޔާ ސީރިއަސްކަމަށާއި މި އަހަރުގެ ވޯލްޑްކަޕް ޖޭމްސްއަށް ނުކުޅެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އޭސީ މިލާން ބަލިކުރި މެޗުގައި ޖޭމްސްއަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފައެވެ.
ނަމަވެސް އޭރު ބެލެވިފައިވަނީ ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާއަކީ އެހާ ސީރިއަސް އަނިޔާއެއް ނޫންކަމަށެވެ. އަދި ވަރަށް އަވަހަށް އޭނާއަށް އަލުން ކުޅުމުގައި ބައިވެރި ވެވޭނެކަމަށް ބެލެވެއެވެ.
ނަމަވެސް އޭނާގެ ކަކުލަށް ލިބުނު އަނިޔާތައް އިތުރަށް ބެލުމަށްފަހު ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޭމްސްއަށް ކުޅުމުގައި ދެން ބައިވެރިވެވޭނީ އަށް ހަފުތާއަށް ފަހުން ކަމަށެވެ.
މިހާރު ވޯލްޑްކަޕް ފެށެން 17 ދުވަހަށް ވަނީ ކައިރިވެފައެވެ. ވޯލްޑްކަޕްގައި އިންގްލޭންޑް ލައްވާލައިފައިވަނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި އިންގްލޭންޑުގެ އިތުރުން ދެން ހިމެނެނީ އިރާނާއި އެމެރިކާގެ އިތުރުން ވޭލްސްއެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ އިރާންއާ ދެކޮޅަށެވެ.