03 Nov 2022, 19:35
"މަނިކޭ މަގޭ ހިތޭ" ލަވައިން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ދިލޯކާ ޑިސިލްވާ ރާއްޖެއަށް ކުރި ދަތުރު ނިންމާލުމަށްފަހު މިއަދު ފުރައިފިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ޔޮހާނީ ރާއްޖެ އައީ އޭގެ ޖެހިގެން އައި ދުވަހު ބައިސްކޯފުގެ ފަރާތުން ބޭއްވި "ޗަނާޗާ 2022" ޝޯގައި ބައިވެރިވުމަށެވެ. ޗަނާޗާ ޝޯގައި ޔޮހާނީގެ މަޝްހޫރު ލަވަ "މަނިކޭ މަގޭ ހިތޭ"ގެ އިތުރުން ހިންދީ ލަވައާއި ސިންގަޅަ ލަވަ ވެސް އޭނާ ހުށަހަޅައިދިނެވެ. ޗަނާޗާ ޝޯ ބެލުމަށް ހުޅުމާލޭ ސިންތެޓިކް ޓްރެކަށް ގިނަ އަދަދެއްގެ ބަޔަކު ދިޔައެވެ.
ޗަނާޗާ ޝޯއަށް ފަހު ޔޮހާނީ ދިޔައީ އައިލެންޑް ހައިޑްއަވޭގައި ޗުއްޓީ ހޭދަކުރުމަށެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ގޮތުގެ ބައެއް ފޮޓޯތަކާއި ރާއްޖޭގެ ރީތިކަން ސޯޝަލް މީޑިއާގައި ޔޮހާނީ ވަނީ ހިއްސާކޮށްފައެވެ. އަދި ރިސޯޓުގައި ހުރެގެން މޫދު ކުޅިވަރުތަކުގައި އޭނާ ބައިވެރިވިއެވެ.
ހައިޑްއަވޭ ދޮނަކުޅީގައި ޔޮހާނީ ޗުއްޓީ ހޭދަކުރި
އެ ރިސޯޓުގައި ހުރި އިރު ކައިރީގައި އޮތް ހއ. ދިއްދޫއަށް ޔޮހާނީ ޒިޔާރަތްކުރިއެވެ. ދިވެހީން ދިރިއުޅޭ ރަށެއް ބަލައިލުމަށް އޭނަ ދިއްދުއަށް ކުރި ދަތުރުގައި އެރަށުގެ ރައްޔިތުން އޭނާއަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔެވެ.
ޔޮހާނީގެ މަޝްހޫރު ލަވަ "މަނިކޭ މަގޭހިތޭ" އެ ރަށުގައި ކިޔާލުމުން އެރަށުގެ ޒުވާން އަންހެން ކުދިން ލަވައަށް ނެށި މަންޒަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. އަދި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް އޭނާއާ އެއްކޮށް ސެލްފީ ނެގުމުގެ ފުރުސަތު ޔޮހާނީ ދިނެވެ.
ޔޮހާނީ ހއ. ދިއްދޫ ރައްޔިތުންނާއެކު
އައިލެންޑް ހައިޑްއަވޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދެން ޔޮހާނީ ދިޔައީ ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށް ކުރެއްދޫ އައިލެންޑް ރިސޯޓަށެވެ.
އެ ރިސޯޓުގައި އުއްޗުގެ ފަރާތުން ޔޮހާނީ އަށް ޚާއްޞަ ޕްރޮގްރާމްތަކެއް ބޭއްވިއެވެ. މިގޮތުން މިޔުޒިކާއި ލަވައިގެ ޝޯއެއްގެ އިތުރުން ޔޮހާނީ އަށް ޚާއްޞަ ހަދިޔާ ދިނުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދިޔައެވެ. މީގެ ތެރޭގައި ޔޮހާނީގެ ނަން ޖަހާ ލިޔެލާކޮށްފައިވާ ޚާއްޞަ ބޮޑު ބެރެއް އުއްޗުގެ ފަރާތުން ޔޮހާނީއަށް ހަދިޔާ ކުރެއްވިއެވެ.
ޔޮހާނީއަށް ޗަމްޕާ މުޙައްމަދު މޫސާ ބެރެއް ހަދިޔާ ކުރައްވަނީ
ކުރެއްދުއިން ޔޮހާނީ ދެން ދިޔައީ ހުރަވަޅި ރިސޯޓަށެވެ. އެ ރަށުގައި ހުންނަ އަންޑަވޯޓާ ރެސްޓޯރަންޓަށް ޒިޔާރަތްކޮށް އެ ރެސްޓޯރަންޓްގައާއި ރަށުގައި ޚާއްޞަ ފޮޓޯ ސެޝަނެއް ވެސް ބޭއްވިއެވެ.
ރާއްޖޭގައި ހަ ދުވަސް ހޭދަކުރުމަށް ފަހު ފުރަތަމަ ފަހަރަށް ސީޕްލޭން ދަތުރެއްކޮށް އެއާޕޯޓަށް ދާން ފުރުމުގެ ކުރިން ހުރަވަޅީގައި ހުރެ "ސަން"އަށް ޔޮހާނީ ދިން އިންޓަވިއުގައި ރާއްޖެއިން ލިބުނު މެހުމާންދާރީއާއި ލޯބި ދުވަހަކު ވެސް ހަނދާން ނުނެތޭނެކަމަށް ބުންޏެވެ. އަދި ރާއްޖޭގެ ރީތިކަމާއި ރައްޔިތުންގެ ހިތްހެޔޮ ކަމަކީ ރާއްޖެ އައުމަށް އަބަދުވެސް ބޭނުންވާ ސަބަބުތައް ކަމަށް ވެސް ޔޮހާނީ ބުންޏެވެ.
ޗަނާޗާ ޝޯގެ އިންތިޒާމްތަކަށް ބައިސްކޯފަށާއި ޓީމަށް ތައުރީފުކުރަމުން ޔޮހާނީ އަށް މެހުމާންދާރީ އަދާކޮށްދިން ފުރިހަމަކަމަށްޓަކައި އޭނާ މައްލާ އަޙްމަދު ނާޞިރަށާއި ޗަމްޕާ މުޙައްމަދު މޫސާ އަދި ރާއްޖެއިން ޔޮހާނީގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް ޙަވާލުވެހުރި މޫސާ ރަޝީދަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު އަހަރު ރާއްޖެ އާދެވުނުކަމުގެ އުފާ އޭނާ ހިއްސާކުރިއެވެ.
ޔޮހާނީ ހުރަވަޅީގައި ސަން އޮންލައިން އަށް އިންޓަރވިއު ދެނީ
ޔޮހާނީ ރާއްޖެއަށް ކުރި މިދަތުރަކީ އިންޑިއާގެ ކުންފުންޏަކުން އޭނާގެ ޓެލެންޓް މެނޭޖްކުރަން ފެށިފަހުން ސެލެބްރިޓީއެއްގެ ޙައިޞިއްޔަތުން ޝޯއެއް ދިނުމަށް އޭނާ ބޭރު ގައުމަކަށް ކުރި ފުރަތަމަ ދަތުރެވެ. ޔޮހާނީ މިހާރު ދިރިއުޅެނީ އިންޑިއާގެ މުމްބާއީގައެވެ.