ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރައީސް ނަޝީދުގެ ސަރުކާރުން ބޭރުގެ އެކިއެކި ފަރާތްތަކާ ޔުޓިލިޓީޒް ކުންފުނިތަކާ އެކު ސޮއިކޮށްފައިވާ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް މިއަދާ ހަމައަށްވެސް ނުފެށި ހުއްޓިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ފާއިތުވި ދެ ތިން އަހަރު ދުވަހު ފެށުމަށް އިޢުލާންކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން ޔުޓިލިޓީޒް ކުންފުނިތަކުން ބޭރުގެ ފަރާތްތަކުން ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ އެއްވެސް މަޝްރޫއެއްގެ މަސައްކަތް ފެށިފައިނުވާ ކަމަށެވެ. އަދި މަޝްރޫއުތައް ނުފެށި ހުރީ އެކަށީގެންވާ ވަރަށް ދިރާސާނުކޮށް ކުއްލިއަކަށް އިޢުލާން ކުރުމުން ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ނުފެށި ހުރި ޕްރޮޖެކްޓްތައް އަލުން ފެށޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މަޝްރޫއުއެއް އިޢުލާންކުރާތާ ދެ އަހަރުވާއިރު ވެސް މަޝްރޫއުގެ މަސައްކަތް ނުފެށި ހުންނާނީ ވަރަށް ބޮޑު ސަބަބެއް އޮވެގެން ކަމަށް ދެކެވަޑައިގެންނަވާ ކަމަށާއި އެމަޝްރޫއުތައް ފަށާފައިވަނީ ފައިސާ ހުރެގެން ނުވަތަ ފައިސާ ލިބިގެން ނޫން ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

" ބޮޑު ޕްރޮޖެކްޓެއް ކަމަށްވާއިރު ހުށަހަޅާ ހުށަހެޅުން ރަނގަޅަށް ދިރާސާ ކުރެވެން ޖެހޭނެ. އެ ފަރާތްތަކަށް ބޮޑު ފައިދާތަކެއް ނުވާނަމަ އެފަރާތްތަކުން އެތައް ސަތޭކަ މިލިޔަން ޑޮލަރެއް އިންވެސްޓެއް ނުކުރާނެ. މީގެތެރެއިން ގިނަ މަޝްރޫއުތަކަކީ ވަރަށް ނުތަންވަޅުވެގެން އިޢުލާންކޮށްފައިވާ މަޝްރޫއުތަކަށްވީމަ ތާށި ކަމެއް އައިސްގެން މިއުޅެނީ، މަޝްރޫއުތައް އިއުލާންކުރާތާ ދެ އަހަރުވާއިރު ވެސް މަސައްކަތް ނުފެށި ހުރީ ވަރަށް ބޮޑު ސަބަބެއް އޮވެގެން ކަމަށް އަޅުގަނޑު ދެކެނީ،" މަތީން ވިދާޅުވި އެވެ.

އެ މަޝްރޫއުތަކާ ބެހޭ ތަފްސީލް ދެއްވަމުން އެމިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ އަހުމަދު އަލީ ވިދާޅުވީ އެފަދަ ބޮޑެތި މަޝްރޫއުތަކަކީ ކަމާ ބެހޭ ފަރާތްތައް ގުޅިގެން ކުރެވޭނެ ކަމަކަށްވާއިރު އެ މަޝްރޫއުތައް ކުރިއަށް ނުގެންދެވި ހުރީ އެކަށީގެންވާ ވަރަށް ޕްލޭން ކުރެވިފައި ނެތުމުން ކަމަށެވެ.

"އޭގެތެރެއިން ގިނަ މަޝްރޫއުތަކުގެ އެމްއޯޔޫގައި ބޭރުގެ ފަރާތްތަކާ އެކު ސޮއިކޮށްފައި ވަނީ ޔުޓިލިޓީޒް ކުންފުނިތަކުން. އެމަޝްރޫތަކުގެ ތެރެއިން ސްޓެލްކޯ އާއި މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުތައް މިހާރުވެސް ދަނީ ކުރިއަށް،" އަހުމަދު އަލީ ވިދާޅުވި އެވެ.

ބޭރުގެ ފަރާތްތަކާއެކު ޔުޓިލިޓީސް ކުންފުނިތަކުން ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި މިހާތަނަށް މަސައްކަތް ނުފެށި ހުއްޓިފައިވާ މަޝްރޫއުތަކަކީ އަޕާނޯތް ޔުޓިލިޓީޒް ލިމިޓެޑުން އެ ސަރަހައްދަށް ޔުޓިލިޓީޒްގެ ހިދުމަތް ދިނުމަށް އެމެރިކާގެ ކުންފުންޏަކާ ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއާއި، އެކުންފުނިން ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ރިނިއުބަލް އެނާޖީ މޯލްޑިވްސް އާ އެކު ހދ. ކުޅުދުއްފުށީގައި ސޯލާ ސިސްޓަމެއް ގާއިމްކުރުމުގެ މަޝްރޫއުއާއި، ނޮދަން ޔުޓިލިޓީޒް ކުންފުނިން އެސަރަހައްދަށް ބޭނުންވާ ޔުޓިލިޓީޒް ހިދުމަތްތައް ފޯރުކޮށްދިނުމަށް ސައުތް ކޮރެއާގެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ މަޝްރޫއުގެ މަސައްކަތާއި، އެކުންފުނިން ބޭރުގެ ކުންފުންޏަކާ އެކު ޅ. ހިންނަވަރުގައި ވައިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއު އާއި، އަޕާ ސައުތް ޔުޓިލިޓީޒް ލިމިޓެޑުން ކުރިއަށް ގެންދާ ދެ މަޝްރޫއުއަކާއި، ސަދަން ޔުޓިލިޓީޒްގެ ފަރާތުން އައްޑޫގައި ފެށުމަށް ހަމަޖައްސާފައިވާ މަޝްރޫއުގެ މަސައްކަތެވެ.

މީގެއިތުރުން ސްޓެލްކޯއިން ކުރިއަށް ގެންދާ އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއުގެ ދަށުން ފެލްކަން އެނާޖީ ކިޔާ ބަޔަކާ އެކު ގާފަރުފަޅުގައި 75 މެގަވޯލްޓްގެ ވައިން ހަކަތަ އުފައްދައިދޭ ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށި ނަމަވެސް އެމަސައްކަތްތައް މިހާރު ހުއްޓިފައިވާކަން ވެސް އެމިނިސްޓްރީން ފާހަގަކުރި އެވެ.

ހައުސިން މިނިސްޓްރީން ބުނީ މާލޭސިޓީ ކައުންސިލާ ތިލަފުށީ ކޯޕަރޭޝަނުން އިންޑިޔާގެ ކުންފުންޏަކާ ގުޅިގެން އުކާލެވޭ ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫ އާއި އެމިނިސްޓްރީން ކުރިއަށް ގެންދާ ހަކަތަ އުފެއްދުމުގެ މަޝްރޫއުތަކުގު އިތުރުން ރާއްޖޭގެ ހަ ރަށެއްގައި އަވިން ހަކަތަ އުފެއްދާ ނިޒާމެއް ގާއިމްކުރުމަށްޓަކައި ރިނިއުބަލް އެނާޖީ މޯލްޑިވްސް އާ އެކު ސްޓްލްކޯއިން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތާއި ޗައިނާގެ ކުންފުންޏަކާއެކު ސްޓްލްކޯއިން ކުރިއަށް ގެންދާ މަޝްރޫއު ހިނގާ ކަމަށެވެ.