ދިވެހިރާއްޖެއަށް މިއަހަރު 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު އަންނަ މަހު ކުރީކޮޅު ހާސިލްވާނެ ކަމަށް، މޯލްޑިވްސް މާކެޓިންގ އެންޑެ ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ އަކީ ބޭރުގެ މާކެޓްތަކަށް ރާއްޖެ އިޝްތިހާރު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ކޯޕަރޭޝަނެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތައްޔިބް ވިދާޅުވީ މިއަހަރު ފަތުރުވެރިން ގެނައުމުގެ ޓާގެޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކަނޑައެޅުއްވި ހިސާބުން އެއަމާޒު ހާސިލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެމްއެމްޕީއާރްސީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ކަނޑައަޅުއްވާ އަމާޒަށް ވުރެ އިތުރަށް ފަތުރުވެރިން ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މި އަދަދަކީ ފާއިތުވި 2019 އަދި 2021 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 8 އިންސައްތައިގެ އިތުރުވުމެއް ކަމަށް ތައްޔިބް ވިދާޅުވިއެވެ.

ތައްޔިބް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑު ކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން މުޅި ދުނިޔެއަށް ރާއްޖެ އިސްތިހާރު ކުރުމަށް ތަފާތު ވައްޓަފާޅިއެއް ބޭނުން ކުރި ކަމަށާއި، މިހާރު ފެންނަމުން މިދަނީ އެ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.

"އަޅުގަނޑު މެންނަކީ ދުނިޔެއަށް އަންނަ ބަދަލުތަކާއެއްކޮށް ބަދަލުތައް ގެންނަން ޖެހޭ ބައެއް. އެކަމުގައި އަޅުގަނޑުމެން މިތިބީ ސާބިތު. އެއާ އެއްކޮށް ފެންނަން ފެށި ކާމިޔާބީތަކުގެ ތެރޭގައި ޓީޖީއެސްޓީވެސް މިހާރު އެންމެ ރަނގަޅު ޓެކްސް ވެސް ލިބެމުން މިދަނީ ޓޫރިޒަމް އިން." ތައްޔިބް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،344،358 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 32.7 އިންސައްތައިގެ އިތުރުވުމެކެވެ. މީގެއިތުރުން މިދިޔަ އޮކްޓޯބަރު މަސް ވެގެން ގޮސްފައިވަނީ މިހާތަނަށް އޮކްޓޯބަރު މަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި މަހަށެވެ.

ތައްޔިބްގެ ބެއްލެވުމުގެ ދަށުން އެމްއެމްޕީއާރްސީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޖޮއިންޓު މާކެޓިންގ ކެމްޕޭންތަކާއި، އައުޓްޑޯ އިޝްތިހާރު ކެމްޕޭންތަކާއި، ފެއާތަކުގައި ބައިވެރިވުމާއި، ވެބިނާތައް ހޯސްޓްކުރުމާއި، އީ- ލާނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.