އދ. ދުވަސް ފާހަގަކުރުމުގެ ގޮތުން އާންމުންނަށް ހުޅުވައިލައިގެން މާދަމާ ޚާއްސަ ހަވީރެއް ބާއްވަން ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ނިންމައިފިއެވެ.

އދ. ދުވަހަކީ ދުވަސް،1945 ވަނަ އަހަރު އދ.ގެ ޗާޓަރަށް އަމަލުކުރަން ފެށި ދުވަހާ ގުޅުވައިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު 24ގައި ފާހަގަކުރާ ދުވަހެކެވެ.

މި ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

އދ. ދުވަހަކީ އެ ޖަމްޢިއްޔާގެ ލަނޑުދަނޑިތަކާއި ކާމިޔާބީތަކަށް ހޭލުންތެރިކަން އިތުރުކޮށް، އެ ޖަމްޢިއްޔާގެ މަސައްކަތްތަކަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައި ފާހަގަކުރާ ދުވަހެކެވެ.

މި ދުވަސް ފާހަގަކުރަން ބާއްވާ ޚާއްސަ ހަވީރު އޮންނާނީ މާދަމާ ހަވީރު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. ހަވީރު އޮންނާނީ ހަވީރު 16:00 އިން އިރުއޮއްސި 19:00އަށެވެ.

މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ގިނަ ގޭމް ސްޓޯލްތަކަކާއި މައުލޫމާތު ހިއްސާކުރުމަށް ހަރަކާތްތަކެއް ވެސް ކުރިއަށްދާނެއެވެ.

މީގެ އިތުުރުން ގައުމުތަކުގެ ސަގާފަތް ދައްކުވައިދޭ ސްޓޯލްތައް ވެސް ހިމެނޭނެކަމަށް ރާއްޖޭގައި ހުންނަ އދ. އޮފީހުން ބުންޏެވެ.

އދ. ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަވީރަކީ ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއެކު ބާއްވާ ހަވީރެކެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަ ގައުމުތަކުގެ އެމްބަސީތަކުން ވެސް ހަވީރުގައި ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، ޖަޕާންގެ އިތުރުން ޕާާކިސްތާން، ސައުދީ އަރަބިއްޔާ ސްރީލަންކާ އަދި އަދި އިނގެރޭސިވިލާތުގެ އެމްބަސީ ވެސް ހިމެނެއެވެ.

ހަމައެއާއެކު އދ.ގެ އެޖެންސީތަކުން ވެސް މާދަމާގެ ހަވީރުގެ ކަންކަން އިންތިޒާމުކުރުމުގައި ބައިވެރިވާނެއެވެ.

ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުންވަނީ ވީހާ ވެސް ގިނަ އާންމުން މާދަމާގެ ހަވީރުގައި ބައިވެރިވުމަށް އެދިފައެވެ.