ދައުލަތުގެ ރަސްމީ ރިޒާވުން 117 މިލިއަން ޑޮލަރު މަދުވެފައިވާކަން މަރުކަޒީ ބޭންކު، އެމްއެމްއޭގެ ހިސާބުތަކުން ހާމަވެއްޖެއެވެ.

އެގޮތުން އޯގަސްޓު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ 657.9 މިލިއަން ޑޮލަރެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އަދަދުވަނީ 540.28އަށް މަދުވެފައެވެ.

މަރުކަޒީ ބޭންކުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މާޗު މަހު ރިޒާވްގައި ހުރީ 865.19 މިލިއަން ޑޮލަރެވެ.

ނަމަވެސް އޭގެފަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ މަހަކު ވެސް ރިޒާވުން އައީ ފައިސާ މަދުވަމުންނެވެ.

ދައުލަތުގެ ރަސްމީ ރިޒާވުގައި މި އަހަރުގެ މިހާތަނަށް ހުރި އަދަދުތައް

  • ޖެނުއަރީ: 753.37 މިލިއަން ޑޮލަރު

  • ފެބްރުއަރީ: 766.23 މިލިއަން ޑޮލަރު
  • މާޗު: 865.19 މިލިއަން ޑޮލަރު
  • އެޕްރީލް: 829 މިލިއަން ޑޮލަރު
  • މޭ: 807.95 މިލިއަން ޑޮލަރު
  • ޖޫން: 750.44 މިލިއަން ޑޮލަރު
  • ޖުލައި: 728.18 މިލިއަން ޑޮލަރު
  • އޯގަސްޓު: 657.97 މިލިއަން ޑޮލަރު
  • ސެޕްޓެމްބަރު: 540.28 މިލިއަން ޑޮލަރު

މި އަހަރު ނިމޭއިރު ރިޒާވްގައި ހުންނާނެކަމަށް ލަފާކޮށްފައިވަނީ 657 މިލިއަން ޑޮލަރެވެ.

އަންނަ އަހަރަށް ފީނޭންސް މިނިސްޓްރީން މިހާރު ހުށަހަޅައިފައިވާ ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ނިމޭއިރު ރިޒާވުގައި ހުންނާނެކަމަށް ލަފާކޮށްފައިވަނީ 606 މިލިއަން ޑޮލަރެވެ.

އެމްއެމްއޭއިން މިހާރު އާންމު ކުރާ ތަފާސް ހިސާބުތަކުގައި އާންމުކުރަނީ ޖުމްލަ ރިޒާވްގެ އަދަދު އެކަންޏެވެ. އޭގެ ތެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރި، ޔޫޒެބަލް ރިޒާވްގެ އަދަދު މިހާރު ވަނީ ސިއްރުކޮށްފައެވެ.