03 Nov 2022, 12:00
ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރާނެ ގޮތުގެ އާ އުސޫލެއް އެކަށައަޅައި އެ ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.
މައްސަލަތައް ތަހުގީގުކުރުމުގެ އާ އުސޫލަކީ މިދިޔަ މަހުގެ 17ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ.
އެ ގާނޫނަށް ގެނެވުނު އިސްލާހުގައިވަނީ، އެ ކޮޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭ ތާރީޚުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، 14 ދުވަހުގެ ތެރޭގައި މައްސަލަ ބެލުމާމެދު ގޮތެއް ނިންމައި ކޮމިޓީން، އެ މައްސަލައެއް ބެލުމާމެދު ނިންމި ނިންމުން ކޮމިޝަނަށް ފޮނުވަންވާނެކަމަށެވެ.
މައްސަލައިގެ ތަހުގީގު ރިޕޯޓު ލިބުމުން، ރަަސްމީ ބަންދު ދުވަސްތައް ނުހިމަނައި، ހަތް ދުވަހުގެ ތެރޭ ރިޕޯޓާ ގުޅޭގޮތުން މައްސަލަ ބަލައި ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތައް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަނޑިޔާރަށް އޮންނާނެކަމަށެވެ.
އަދި އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތްކޮށްދޭން އެދޭ ކަންކަން ބަޔާންކޮށް ހުށަހެޅޭ ގޮތަށް ވެސް ގަވައިދުވަނީ އިސްލާހުކޮށްފައެވެ.
އެއާއެކު ރިޕޯޓާމެދު ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހަޅަން ލިބޭ ހަތް ދުވަސް ހަމަވުމުން އިތުރު ހަތް ދުވަހުގެ ތެރޭ މައްސަލައާ ގުޅޭ އަޑުއެހުމެއް ބާއްވަންވާނެކަމަށް ވެސް އިސްލާހުކުރި ގަވައިދުގައިވެއެވެ.
މީގެ އިތުރުން ޖޭއެސްސީއަށް ހުށަހެޅޭ ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި އަމަލުކުރުމުގައި އެ ކޮމިޝަންގެ ގާނޫނުގެ 29ވަނަ މާއްދާގެ (ނ)އަށް ވެސް ވަނީ އަކުރުތަކެއް އިތުރުކޮށްފައެވެ.
އެ އަކުރުތަކުގައިވާ ގޮތުން ތަހުގީގު ކޮމިޓީން، ކޮމިޝަނަށް ފޮނުވާ ރިޕޯޓު، މައްސަލަ ރައްދުވާ ފަނޑިޔާރަށް ކޮމިޝަނުން ފޮނުވަންވާނެއެވެ.
އެއާއެކު ރިޕޯޓާމެދު ކޮމިޝަނުން ގޮތެއް ނިންމަންވާނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުސަތު ދިނުމަށްފަހުގައިކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން މައްސަލައިގެ ބާވަތަށް ބަލައި އިތުރު ތަމްރީން ބޭނުންވާކަމަށް ކޮމިޝަނަށް ފެންނަ ޙާލަތްތަކުގައި ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެންގުން ވެސްވަނީ އިސްލާހުގެ ތެރޭ ހިމަނައިފައެވެ.
ގާނޫނަށް ގެނައި އެ އިސްލާހަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.