އެމެރިކާ އެމްބަސީގެ ޝާޒޭ ޑެފެއާ ވެލަރީ ފައުލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި އަމަން ގާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ބެހޭގޮތުންނާއި އަދި މިނިވަން، އިންސާފުވެރި އިންތިހާބެއް ބާއްވަން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސް މަޢުލޫމާތު ދެއްވި އެވެ. އަދި ރައީސް ކަމުގެ ވާޖިބު އަދާކުރެއްވުމުގައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށްހިއްތަވާނެ ކަމުގެ ޔަޤީންކަން ވެލަރީ ފައުލާ އަށް އެމަނިކުފާނު ދެއްވި އެވެ.

ވެލަރީ ފައުލާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ ކުރިން، އެކަމަށްވާންޖެހޭ ތައްޔާރީތައްވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި އައިއެމްއެފްގެ ވަފުދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖޭގެ އިގުތިސޯދު ރަނގަޅު ކުރަން ހުށަހެޅުއްވި ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވި އެވެ.