03 Nov 2022, 11:16
ކޮފީ ތަށްޓަކުން ދުވަސް ފެށުމަކީ ވަރަށް ގިނަ މީހުންނަށް އާދަވެފައިވާ ކަމެކެވެ. މީހާ ރަނގަޅަށް ހޭލައްވާލައި ދުވަހަށް ތައްޔާރުވުމަށް ގިނަ ބަޔަކަށް ކޮފީ ވަރެއް ނެތެވެ. ނަމަވެސް މި އާދައަކީ މާބަނޑު މީހެއް ނަމަ ވަގުތުން ހުއްޓާލަން ޖެހޭ އާދައެކެވެ. ސަބަބަކީ އޭގެ ސަބަބުން ދަރިފުޅަށް ނޭދެވޭ އަސަރު ކޮށްފާނެތީއެވެ.
މާބަނޑު އަންހެނުން، ވިހެއުމުގެ ކުރިން ކޮފީގެ އިތުރުން ކެފެއިން ހިމެނޭ އެކި ބާވަތުގެ އެއްޗެހި ބޭނުން ކުރުމުގެ ސަބަބުން ބަނޑުގައި އޮތް ދަރިފުޅަށް އެކި ގެއްލުން ވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އެގޮތުން ދަރިފުޅުގެ އިސްކޮޅަށް ކެފެއިންގެ ސަބަބުން އަސަރު ކުރާ ކަމަށް އެ ދިރާސާ ރިޕޯޓުން ހާމަވެފައިވެއެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ވިހެއުމުގެ ކުރީން ކެފެއިން ލިބިފައިވާ ކުޑަކުދިންގެ އިސްކޮޅު އެވަރެޖް ގޮތެއްގައި، ކެފެއިން ނުލިބޭ ކުދިންނަށް ވުރެ ކުރު ކަމަށެވެ.
ޖަމާ ނެޓްވޯކް އޯޕަންއަށް ޝާއިއުކުރި ދިރާސާއިން ދައްކާގޮތުގައި ބަނޑުބޮޑު އިރު ކޮފީ ބުއި ބެލެނިވެރިންގެ ދަރިންގެ އިސްކޮޅު އެހެން ކުދިންގެ އިސްކޮޅަށްވުރެ ކުރެވެ. އަދި އުމުރުން ހަތަރު އަހަރުވިއިރު އެ ތަފާތު އެހެން ކުދިންނާ ވަކި ކުރަން އެނގޭ ވަރު ވާ ކަމަށާއި އަށް އަހަރަށް ކުދިން ދާއިރު އެ ފަރަގު ކުރިއަށް ވުރެ ވެސް ބޮޑު ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.
އެއީ ފާހަގަކުރޭ ވަރުގެ ފަރަގަކަށް ވި ނަމަވެސް އެ ދެމެދުގައި "މާ ބޮޑު" ފަރަގެއް ނެތް ކަމަށް ދިރާސާގައި ބުނެއެވެ. ދިރާސާގެ ލީޑް ލިޔުންތެރިޔާ، ޕެރިނޭޓަލް އެޕިޑެމިއޯލޮޖިސްޓް ޑރ. ޖެސިކާ ގްލީސަން ބުނާގޮތުން ފަރަގު ބޮޑު ނޫން ނަމަވެސް އެވަރެޖު ނަތީޖާތަކަށް ބަލާނަމަ ސީދާ ކެފެއިން އާ ދަރިންގެ އިސްކޮޅާ ގުޅުންހުރިކަން އެނގެއެވެ.
މާބަނޑު ދުވަސްވަރު ކެފެއިން ބޭނުން ކުރުމަކީ ޑޮކްޓަރުންގެ ފަރާތުން ލަފާ ދެވޭ ކަމެއް ނޫނެވެ. ނަމަވެސް އެ ބޭނުން ކުރަން ކޮންމެހެން ބޭނުންވާނަމަ، ބޭނުން ކުރާ މިންވަރު ދުވާލެއްގެ މައްޗަށް 200 މިލިގްރާމް އަށް ވުރެ އިތުރުވިޔަ ނުދިނުމަށް ޑޮކްޓަރުން ލަފާ ދެއެވެ.