މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ދެން ހަރަކާތްތެރި ވާނީ ސަރުކާރު ޒިންމާދާރުކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ނިންމައިފިއެވެ.

އެމްއެންޕީއަކީ ސަރުކާރާ އިދިކޮޅު ޕާޓީއަކަށް ވާން އެ ޕާޓީން މިރޭ ނިންމީ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައެވެ.

އެ ނިންމުން ކައުންސިލުން ފާސްކުރީ ހާޒިރުވި 56 މެންބަރުންގެ އިއްތިފާގުންނެވެ.

މިރޭ އެމްއެންޕީއިން ވަނީ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 14ގައި ބާއްވަން ނިންމައިފައެވެ. އެ ނިންމުން ވެސް ފާސްކުރީ ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

އެމްއެންޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލުގައި ހުންނެވި ދުވަސްވަރު ނާޒިމް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ހޮވަން ތާއިދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެ ދުވަސްވަރު ކާނަލް ނާޒިމްގެ އާއިލާއިން ނެރުނު ބަޔާންތަކުގައި ވެސް ވަނީ ނާޒިމަށް ތާއިދު ކުރާ މީހުން ރައީސް ޞާލިޙަށް ތާއިދު ކޮށްދިނުމަށް އެދިފައެވެ.

މީގެ އިތުރުން ޖަލުން މިނިވަންވުމަށް ފަހު ދަނގެތީ ދާއިރާގެ މެމްބަރުކަން ލިބިވަޑައިގަތުމާ ހަމަޔަށްވެސް ކާނަލް ނާޒިމް އުޅުއްވީ ރައީސް ޞާލިޙުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ކާނަލް ނާޒިމަކީ ޑިފެންސް މިނިސްޓަރުކަން ކުރެއްވިއެވެ. ނަމަވެސް ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލައިގައި 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އޭނާ މަގާމުން ވަކިކުރިއެވެ.

އެ މައްސަލައިގައި ނާޒިމް 11 އަހަރަށް ޖަލަށް ލާން މާޗް 26، 2015ގައި ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށް ޑިސެމްބަރު 13، 2018ގައި ސުޕްރީމު ކޯޓުން ނާޒިމްގެ ހުކުމް ބާތިލުކުރިއެވެ.