03 Nov 2022, 11:22
އެމްޑަބްލިއުއެސްސީގެ ފަރާތުން ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން،
2019 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ފެން ބިލުގެ ޖޫރިމަނާ މަޢާފުކުރުމުގެ ޕްރޮގްރާމްގެ މުއްދަތު އަންނަ މަހުގެ 31ވަނަ ދުވަހު މުއްދަތު ހަމަވާނެއެވެ.
މިޕްރޮގްރާމުގެ ދަށުން، ބިލަށް ދައްކަންޖެހޭ ޖުމްލަ ފައިސާ މިމުއްދަތުގެ ތެރޭގައި އެއްފަހަރާ ދެއްކުމުން، އެބިލެއްގެ ޖޫރިމަނާ ފައިސާ, އެމްޑަބްލިއުއެސްސީން އެއްކޮށް މައާފުކޮށްދެއެވެ.
ފެން ބިލަށް އެއްފަހަރާ ފައިސާ ނުދެއްކޭނަމަ، މިމުއްދަތުގެ ތެރޭގައި ބިލަށް ފައިސާ ދައްކާ އިންސައްތައިގެ ނިސްބަތުން، ޖޫރިމަނާ މަޢާފުކޮށްދެއެވެ.
މީގެ އިތުރުން ކަސްޓަމަރުން އެދޭނަމަ، މިމުއްދަތުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ބިލްތަކަށް ފައިސާ ދައްކައި ޚަލާސް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން މި ފުރުސަތުގެ ބޭނުން މިއަހަރު ނިމުމުގެ ކުރިން ހިފާ، މުސްތަޤްބަލުގައި ޖޫރިމަނާ އެރިޔަނުދީ، ބިލްތަކަށް ޤަވާއިދުން ފައިސާ ދެއްކެވުމަށް އެމްޑަބްލިއުއެސްސީން ކަސްޓަމަރުންނަށް އިލްތިމާސްކުރެއެވެ.
މިޕްރޮގްރާމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އެމްޑަބްލިއުއެސްސީގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން
އެ މައުލޫމާތު ލިބޭނެއެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ، ކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތްތައް، ވީހައިވެސް ލުއިފަސޭހަ ގޮތެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ބުނެއެވެ.