ތަފާތު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެޗްޑީސީން ބާއްވާ ސްމާޓްކޮމް ފެއާގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރުމަށް އެޗްޑީސީއިން ކުރިއަށްގެންދާ ޕްރޮޖެކްޓް ކަމަށްވާ ސްމާޓްކޮމްގެ ދަށުން މީގެ ފަހުން ކޮންމެ އަހަރަކު ވެސް މި ފެއާ ބާއްވާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ފެއާއަކީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ އަދި "ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން" ތައްޔާރު ކޮށްދިނުމަށް ބާއްވާ ފެއާއެއް ކަމަށެވެ.

މީގެ އިތުރުން، ތަފާތު ސައިބާ ކުށްތައް އާންމުވެފައިވާ މިފަދަ ޒަމާނެއްގައި މުޖުތަމައު މިކަންކަމުން ސަލާމަތް ކުރުމަށް ހޭލުންތެރި ކުރުވުމަށް މި ފެއާއިން އެހީތެރި ވެދެވޭނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. އަދި މި ފެއާގައި ސްމާޓް ސިޓީ ސޮލިއުޝަންތަކާ ބެހޭ މުހިންމު މައުލޫމާތާއި، އެހެނިހެން ޑިޖިޓަލް ޚިދުމަތްތަކާ ބެހޭ މައުލޫމާތާއި ސައިބާ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕްރެޒެންޓޭޝަންތައްވެސް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ފެއާގައި ބައިވެރިވާ މީހުންނަށް، އެމީހުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ ސްޓޯލް އެޗްޑީސީއިން ހަމަޖައްސައިދޭނެއެވެ. އެ އިވެންޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން ރަޖިސްޓްރީވުމަށް އޮންލައިންކޮށްފޯމުފުރޭނެއެވެ.

ސްމާޓްކޮމް ފެއާ ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 19 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައެވެ.