އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިއަދު އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.

ފަން ރަންގައި ބައިވެރިވުމަށް އުރީދޫގެއީ ކޮމާސް ޕްލެޓްފޯމްމެދުވެރިކޮށް ރެޖިސްޓާ ވެވޭނެއެވެ. ފަން ރަންގައި ރެޖިސްޓާ ވުމުގެ ފަހު ވަގުތަކީ މި މަހުގެ 15ވަނަ ދުވަހެވެ.

މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫން ބުނީ، ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، އެ ސަރަހައްދެއްގައި ބަހައްޓާފައިވާ ސްޓޭޝަންތަކުގައި، ކުލަ ޖެހުމުގެ އިތުރުން ފެން ޖެހުން ފަދަ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފަ ވެސް ޖޮގްކޮށްފަ ވެސް ރޭސް ނިންމި ދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ފަން ރަންއަށް "ސްޓޭންޑަޑް ކިޓް" އަކާއި "ފަން ކިޓް"އެއް އެ ކުންފުނިން ވިއްކައެވެ. ސްޓޭންޑަޑް ކިޓްގައި ހިމެނޭނީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެވެ. މި ކިޓުގެ އަގަކީ 100 ރުފިޔާއެވެ. އަދި 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަހާއި އައިނު އަދި ބަންޑާނާ ހިމެނެއެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. އެ ދުވުމާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެވެބްސައިޓުންނާއި އުރީދޫގެސޯޝަލް މީޑިއާޕޭޖްތަކުން ލިބޭނެއެވެ.