އަލީ ޝިފާނަށް ހަމަލިން ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ފިލުވަން ބަޔަކު މަސައްކަތް ކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މ. ފެއަރީކޯނާ، އަލީ ޝިފާނަށް މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު ވެސްޓްޕާކް ދޮރުމަތިން ހަމަލަދިން މައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ ޝިފާންގެ ގަޔަށް ވަޅި ހެރި ކަމުގެ ތުހުމަތަށެވެ. އަދި އަނެއް ހަތަރު މީހުން ހައްޔަރު ކުރީ ހަމަލަދިން މީހާ ފިލުވަން އެހީތެރިވެދީގެން ކަމަށް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދާއޫދު މިއަދު ވިދާޅުވި އެވެ. ނަމަވެސް ޝިފާނަށް ހަމަލަދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ކާކު ކަމެއް ދާއޫދު ވިދާޅެއްނުވެ އެވެ. ޝިފާނަށް ހަމަލަދިން ކަމަށް ތުހުމަތު ކުރާ ދެވަނަ މީހާ ހޯދަމުން އަންނަ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.

ފުލުހުން ބުނެފައި ވަނީ ޝިފާން ގަޔަށް ވަޅި ޖެހީ ޖީއެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށް މަންޒަރު ދުށް މީހަކު ބުނެފައިވާ ކަމަށާއި އޭނާގެ ބައިމަތިން ތިން ތަނަކަށާއި އަތުގެ ބައެއް ތަންތަނަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެ އެންމެންނަކީ ވެސް މާރާމާރީގެ ރެކޯޑް އޮތް މީހުން ކަމަށާއި އަދި މައްސަލާއަ ގުޅޭ ވަރަށް ގިނަ ހެއްކާއި ގަރީނާ ފުލުހުންނަށް މިހާރު ލިބިފައިވާ ކަމަށެވެ. ދާއޫދު ވިދާޅުވީ ޝިފާނަކީ އެއްވެސް ކުށުގެ ރެކޯޑް އޮތް މީހެއްކަން އަދި މިހާތަނަށް އެނގިފައިނުވާ ކަމަށާއި އޭނާ އަކީ އެއްވެސް ގޭންގަކަށް ނިސްބަތްވާ މީހެއްކަން ވެސް އެނގިފައިނުވާ ކަމަށެވެ.

ޝިފާންގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރި ފަސް މީހުންނަކީ ޅ. ކުރެންދޫ، މާފަހި، މުހައްމަދު އާސިފާއި، ހަމަ އެގޭ އަލީ އާސިފާއި، ހދ. ކުމުންދޫ ފިނިފެންމާގޭ، އަލީ މަލާޝް އާއި މާލޭ ދަފުތަރު، މުހައްމަދު ޝައިފާންގެ އިތުރުން 18 އަހަރުންދަށުގެ ކުއްޖެކެވެ. އެ މީހުންގެ ތެރެއިން 15 ދުވަހަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު މުއްދަތު ޖަހައިދީފައި ވަނީ މުހައްމަދު އާސިފަށެވެ. ދެންތިބި ހަތަރު މީހުންނަށް ވަނީ ފަސް ދުވަސް ބަންދުގެ މުއްދަތައް އިތުރު ކޮށްދީފަ އެވެ.

ޝިފާނަށް ވަޅިން ހަމަލަދީ ޒަހަމްކޮށްލުމަށް ފަހު ބިންމައްޗަށް ވައްޓާލާފައި އޮއްވައި ފެނިގެން ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ވަނިކޮށް މަރުވެފައި ވަނީ 05:15 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އައިޖީއެމްއެޗުން ބުނެފައި ވަނީ ޝިފާން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

ވަޅި ހަރާ ޒަހަމް ކޮށްލުމަށް ފަހު ޝިފާން ބިންމައްޗައް ވައްޓާލާފައި ވަނިކޮށް ފެނުނީ ސިފައިންގެ މީހަކެވެ.