ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބޭހެއްކަމަށްވާ "ޖަމޫ ސުރުތު އަޔޫ" ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން އިލްތިމާސްކޮށްފައެވެ.

އެ ބަޔާނުގައިވާ ގޮތުން "ޖަމޫ ސުރުތު އަޔޫ" އިޝްތިހާރުކޮށްފައި ވަނީ ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ފަތްޕިލާވެލީގެ ޕްރޮޑަކްޓެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް އޭގައި ޑޮކްޓަރީ ބޭސްތައް ކަމަށްވާ ލިކޮޑައިން އާއި ސިބުޓްރަމައިން ހިމެނޭ ކަމަށް ބޭރު ގައުމުތަކުގެ ލެބޯޓްރީ ތަހުލީލުތަކުން ވަނީ ދައްކާފައެވެ.

އޭގެ ތެރެއިން ލިކޮޑައިން އަކީ އައްސި ކުރުމަށް ބޭނުން ކުރާ ބޭހަކަށްވާ އިރު އެ ބޭސް ކެއުމުގެ ސަބަބުން އިންސާނެއްގެ ހަށިގަނޑަށް ކޮށްފާނެ ނުރައްކާތެރި އަސަރުތައް އަދި މިހާތަނަށް އަންދާޒާވެސް ކުރެވިފައި ނުވާ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ސިބުޓްރަމައިންއަކީ އެ ބޭސް ބޭނުން ކުރުމުން ދިމާވާ ސައިޑް އިފެކްޓްތަކުގެ ސަބަބުން ގިނަ ގައުމުތަކުގައި މަނާކޮށްފައިވާ ބޭހެއް ކަމަށާއި އެ ބޭހުގެ ސައިޑް އިފެކްޓުތަކުގެ ތެރޭގައި ފުރަމޭ ހަލާކުވުމާއި ހާޓްއެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުން ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން ރާއްޖެއަށް ޖަމޫ ސުރުތު އަޔޫ އެތެރެކުރުމާއި، ވިއްކުމާއި އަދި އިޝްތިހާރު ކުރުމަކީ މަނާކަމެއްކަމަށް އެފްޑީއޭއިން ބުންޏެވެ.

މީގެ އިތުރުން އެފަދަ އުފެއްދުންތައް ގަންނަ އިރު އެ ބޭހަކާ ބެހޭ ފުރިހަމަ މައުލޫމާތު ހޯދުމަށް ސަމާލުކަން ދިނުމަށް ވެސް އެ ބަޔާނުގައި އެފްޑީއޭއިން އެދިފައިވެއެވެ.