05 Apr 2012, 14:20
ރީޖަނަލް އެއާޕޯޓްތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކުރުމުން ރީޖަނަލް އެއާޕޯޓުތަކަށް ބަޖެޓުން ހޭދަކުރާ ފައިސާ މަދުވެ ބަޖެޓަށް ލުޔެއް ލިބޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު ވިދާޅުވީ ރީޖަނަލް އެއާޕޯޓްތައް ހިންގަމުން އަންނަނީ ސަރުކާރަށް ގެއްލުމުގައި ކަމަށާއި ކޮންމެ އަހަރަކު 50 މިލިއަނެއްހާ ރުފިޔާ ރީޖަނަލް އެއާޕޯޓުތަކުގެ ހިންގަން ހޭދަ ކުރަންޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރު އަލަށް ހުޅުވޭ ކޫއްޑޫ އެއާޕޯޓަށް އެކަނިވެސް 10 އެއް ނޫނީ 15 ވަރަކަށް މިލިޔަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ވަރަށް ބޮޑު ގެއްލުމެއްގައި މި ހިންގަނީ. އަޅުގަނޑުމެންގެ ފޯކަސްއަކީ ވިޔަފާރީގެ އުސޫލުން ހިންގީމަ މިހާރު ހޭދަކުރާ ފައިސާ ކުޑަކުރެވުން. އެކަމަކު ފުރަތަމަ ދުވަހަކުން ނުވާނެ ދުވަސްކޮޅެއް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓްތަށް ހަވާލުކުރުމާއެކު އެމްއޭސީއެލްއަކީ ސަރުކާރަށް ރަނގަޅު ނަފާއެއް ލިބޭ ކުންފުންޏަކަށް ވާނެ ކަމަށާއި އެ ކުންފުނީގެ ފައިދާއިން ސަރުކާރުގެ އާމްދަނީ އިތުރުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމްއޭސީއެލްއަށް އެއާޕޯޓްތައް ހިންގަން ހަވާލުކުރި ނަމަވެސް އެހެން ބަޔަކަށް އެއާޕޯޓްތައް ކުއްޔަށް ދިނުމުގެ ބާރެއް ނޯންނާނެ ކަމަށެވެ.
"އެއާޕޯޓް ކުއްޔަށް ދިނުން ފަދަ ކަމެއް ކުރަންޏާ އަޅުގަނޑުމެންނާ ޖެހޭނީ އެކަމުގައި ކޮންސަލްޓް ކުރަން. އެގޮތަށް އެބާރެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެމްއޭސީއެލްއާ އެއާޕޯޓްތައް ހަވާލުކުރަނީ އެނުއަލް ފީއެއްގެ ގޮތުގައި 100ރ. ސަރުކާރަށް ދައްކާ އުސޫލުން އެއާޕޯޓް ހިންގައިގެން ލިބޭ ފައިދާއިން ޑިވިޑެންޑް ސަރުކާރަށް ދައްކަންޖެހޭ ގޮތަށެވެ.
"އެހެންތަންތަން ވެސް ހުންނަނީ އެ އުސޫލަށް ދީފައި. 100ރ. އަކީ ރަމްޒީފީއެއް. ދެން އެބޭފުޅުންނަށް ހިންގައިގެން ލިބޭ ފައިދާއިން ޑިވިޑެންޑެއް ސަރުކާރަށް ދައްކަން ޖެހޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ނިންމާފައިވަނީ ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުން ވެސް އެމްއޭސީއެލްއާ ހަވާލުކުރާށެވެ.