02 Nov 2022, 13:59
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމްއިން ފަހު ވަގުތު މާސޭ ބަލިކޮށް ތާވަލުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ރޭ މާސާގެ އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މާސޭއިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ގޯލު ޖަހައިފައިވަނީ ޖޯޑަން ވެރެޓައުޓްގެ އެހީތެރިކަމާއެކު ޗަންސެލް އެމްބެންބާއެވެ.
ނަމަވެސް މެޗުގެ 54 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ކްލެމެންޓް ލެންގްލެޓް ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ އިވާން ޕެރިސިޗްގެ ނެގި ހުރަހަކުން އޭނާ ޖެހި ގޯލެކެވެ.

ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމްއާއި މާސޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖްސް
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ޓޮޓެންހަމްއިން ވަނީ ގޯލެއް ޖަހައި ޗެމްޕިއަންސް ލީގު ގްރޫޕް ޑީގެ އެއް ވަނަ މަގާމު ކަށަވަރުކޮށްފައެވެ. އެ ގޯލަކީ ހެރީ ކޭންގެ އެހީތެރިކަމާއެކު ޕިއޭ-އެމީލް ހޮއިބިއާ ޖެހި ގޯލެކެވެ.
އެ ނަތީޖާއިން ޓޮޓެންހަމް މޮޅުވެ އެ ޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 11 ޕޮއިންޓާއެކުއެވެ. އަދި ފްރެންކްފާޓް ތާވަލުގެ ދެވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ސްޕޯޓިންއަށް ހަތް ޕޮއިންޓު ލިބިފައިވާއިރު ތާވަލުގެ ފުލުގައިވާ މާސޭއަށް ލިިބިފައިވަނީ ހަ ޕޮއިންޓެވެ.