02 Nov 2022, 13:37
ޓެލްއަވީވު (2 ނޮވެމްބަރު 2022) : އިސްރާއީލުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި ކުރީގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންހާޔޫގެ ކޯލިޝަން ޕާޓީތަކަށް ޕާލަމެންޓްގެ ވަރަށް ހަނި އަޣްލަބިއްޔަތެއް ލިބޭނެކަމަށް ބެލެވެން ފަށައިފިއެވެ.
ވޯޓު ލުމަށްފަހު ނުކުތް މީހުންނާ ސުވާލުކޮށްގެން އިސްރާއީލުގެ ތިން ނެޓްވާކަކުން ކުރި ތިން ސާވޭންވެސް ހާމަވިގޮތުގައި އިސްރާއީލުގެ ޕާލަމެންޓްގައި ހިމެނޭ ޖުމްލަ 120 ގޮނޑީގެ ތެރެއިން ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް 30 ގޮނޑި ލިބުން ވަރަށް އެކަށީގެންވެއެވެ. އަދި ނަތަންޔަހޫއާއެކު ކޯލިޝަން ހަދާފައިވާ ކަނާތު ފިޔައިގެ ކުދި ޕާޓީތަކަށް ވެސް 32 ގޮނޑި ލިބޭނެކަމަށް ވެސް ސާވޭތަކުން ދައްކައެވެ.
އެހެންކަމުން ނަތަންޔާހޫގެ ކަނަތު ފިޔައިގެ ހަރުކަށި ފިކުރުގެ ކޯލިޝަނަށް ޕާލަމެންޓްގެ 120 ގޮނޑީގެ ތެރެއިން 62 ގޮނޑި ލިބޭނެ ކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ. މިއީ ވަރަށް ހަނި އަޣްލަބިއްޔަތެކެވެ. ނަމަވެސް ސަރުކާރެއް އެކުލަވާލެވޭވަރުގެ އަޣްލަބިއްޔަތެކެވެ. އިސްރާއީލުގެ ޕާލަމެންޓްގެ އެންމެ ހަނި އަޣްލަބިއްޔަތަކީ 61 ގޮނޑިއެވެ.
ނަތަންޔާހޫ ވަނީ އޭނާގެ ކޯލިޝަން ދަނީ ކާމިޔާބާ ދިމާލަށް ކަމަށް ވިދާޅުވެ ބޮޑުވަޒީރުކަމާ ހަވާލުވާން ތައްޔާރުވެ ވަޑައިގަންނަވާކަން ހާމަ ކުރައްވާފައެވެ. ބަރުލަމާނީ ވެރިކަމުގެ ނިޒާމެއް އޮންނަ ޔަހޫދީ އިސްރާއީލުގައި މިއީ ހަ އަހަރު ތެރޭގައި ބާއްވާ ފަސް ވަނަ އިންތިޚާބެވެ. އިސްރާއީލުގެ އެއްވެސް ޕާޓީއަކަށް އެކަނި ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބޭތާ ވަނީ ދިހަވަރަކަށް އަހަރުވެފައެވެ.
އަދި ޕާޓީތައް ގުޅިގެން ކޯލިޝަންތައް ހަދައިގެން ކޯލިޝަނަކަށް ވެސް އެކަށީގެންވާ ވަރުގެ އަޣްލަބިއްޔަތެއް ނުލިބި އިސްރާއީލުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ގަޑުބަޑުތަކެއްގެ ތެރެއަށް ވެއްޓިފައިވާތާވަނީ އަށެއްކަ އަހަރުވެފައެވެ.
ފާއިތުވި އަށެއްކަ އަހަރު ތެރޭގައި އިސްރާއީލުގައި މުޅިން ވެސް އެކުލަވާލާފައިވަނީ ބަލިކަށި، ކޯޅުންތައް ބޮޑު ކޯލިޝަން ސަރުކާރުތަކެވެ. ކޯލިޝަން ސަރުކާރުތަކުގައި ކޯޅުންތައް ބޮޑުވެފައި ޕާޓީތަކާއި ލީޑަރުންގެ އަމިއްލަ އެދުން ބޮޑުކަމުން އަހަރަކަށްވުރެ ދިގުމުއްދަތަކަށް އެއްވެސް ސަރުކާރަކަށް ވެރިކަން ކުރެވޭގޮތެއް ނުވެއެވެ.
މި ފަހަރުގެ އިންތިޚާބު ވެސް ކުރީގެ އިންތިޚާބުތަކާ ވަކި ތަފާތެއް ނޫނެވެ. ޕާލަމެންޓްގެ 120 ގޮނޑީގެ ތެރެއިން 62 ގޮނޑި ހޯދައިގެން ނަތަންޔާހޫގެ ކޯލިޝަނުން އާ ކޯލިޝަން ސަރުކާރެއް ބަލިކަށި ގޮތަކަށް އެކުލަވާލުން އެކަށީގެންވެއެވެ. ނަމަވެސް އަހަރެއްހާ ދުވަސް ވެސް ނުވަނީސް ކުރީގެ ސަރުކާރުތަކެކޭ އެއްގޮތަށް ނަތަންޔަހޫގެ ސަރުކާރު ވެސް ރޫޅި އަލުން އަނެއްކާވެސް އިސްރާއީލުގައި އިންތިޚާބެއް ބޭއްވުން ވަރަށް ގާތެވެ.