ފެބްރުއަރީ 7، 2012ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައި ހާދިސާގައި ސުޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ޝައްކުކުރެވޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އުސްފަސްގަނޑުގައި ރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ނިމުނު ދުވަހު، ފުލުހުންނާ ސިފައިންގެ ތެރެއިން ބަޔަކު ނުކުމެ ހިންގި އަމަލުތަކަކީ އެތައް ބަޔަކު ހިޔާލު ތަފާތުވާ މައްސަލައެއް ކަމަށެވެ. ހިޔާލުތަފާތުވުން ބޮޑު އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ޖެހޭނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެކަން ނިންމަންޖެހޭނީ އިންތިހާބަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
~

"ސުޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ ތެރެއިން ބައެއް ބޭފުޅުން މިކަމުގައި [ބަޣާވާތުގައި] ބައިވެރިވެވަޑައިގެންނެވި ކަމަށް އަޅުގަނޑުމެންނަށް ޝައްކުކުރެވޭ ހާލުގައި ރާއްޖޭގެ މިހާބޮޑު ހިޔާލު ތަފާތުވުން ނިންމަންޖެހޭނީ ހަތް މީހުންނެއް ނޫން. މިރާއްޖޭގެ ތިން ލައްކަ އެތައް ރައްޔިތުން [އިންތިހާބަކުން] ނިންމީމަ އެ ނިންމުން އެމްޑީޕީން ގަބޫލު ކުރާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ފެބުރުއަރީ ހަތެއްގެ ހާދިސާގައި ސުޕްރީމް ކޯޓްގެ ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތު ކުރައްވާ މިމޭރުމުން އަލީ ވަހީދު ވާހަކަފުޅު ދެއްކެވި ނަމަވެސް އޭގެ ތަފުސީލަށް ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ތެރޭގައި އުޅުއްވި ބޭފުޅުން އަޑީގައި ތިއްބަވައިގެން "ހިންގެވި ކަންތައް" ބަލައި ސިފައިންނާ ފުލުހުންނަށް އަދަބު ދޭން ޖެހޭނެ ކަމަށް އޭނާ ރޭ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ފުލުހުންނަށް ފާރަވެރިވުމަށް އޮންނަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ހިމޭނުން އޮތް ކަމަށް ބުނެ އެ ކޮމިޝަނަށް ވެސް އަލީ ވަހީދު ވަނީ ފާޑު ވިދާޅުވެފަ އެވެެ.

"ޔުނީފޯމް އަޅައިގެން ހުރި މީހަކު އެ މުއައްސަސާއަށް [ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް] ގާ އުކިޔަސް އެވާނީ ގަލަށޭ! އެވާނީ ކުށަކަށޭ! އެހެންވީމަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ގޮވާލަން ނިދާފަ އޮންނަ ފަރުމަހެން ހެން ނިދާފަ ނޯވެ، އަދާކުރަންޖެހޭ ޒިންމާ އަދާކުރަން. އެހެން ނޫނިއްޔާ ބާޣީންނާ ދިމާލަށް ފަހަތުން ދުވާހެން ތިބޭފުޅުންގެ ފަހަތުން ވެސް ދުވެ ދާންޖެހިދާނެ،"

މަޖިލީހުގެ ދެ ގޮނޑިއެއްގެ ބައި އިލެކްޝަން ކުރިއަށްދާތީވެ، ބައެއް ކޮމެޓީތައް ހުއްޓިފައިވާ މައްސަލައަށް ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމެޓީތަކުގެ މަސައްކަތް ފެށުނުހާ އަވަހަށް "ބަޣާވާތް" ތަހުގީގުކޮށް، އެކަމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކުށްވެރި ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަގުލަބިއްޔަތު އޮތް ކޮމެޓީތަކުގައި ބަޣާވާތް ތަހުގީގުކޮށް އެކަމުގައި ޝާމިލްވާ މީހުން ކުށްވެރިކުރުން ނޫން އިތުރު ކަމެއް ނުކުރާނަން. އަޅުގަނޑުމެންނާ ގަޔާނުވަންޏާ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަންވީ. އެހެންނަމަވެސް މަޖިލީހަކު [ކޮމެޓީއަކު] ނޯވޭ އަދި ނަން އިއްވޭކަށް. އެހެންވީމަ އަޅުގަނޑުމެންގެ އިތުބާރުނެތް ކަމުގެ ވޯޓް ނަގަންޏާ އެކަން ކުރެވޭކަން ވެސް ނޯންނާނެ. އެހެންވީމަ ބުއްދީގެ ހަމަތަކުން ގާނޫނުގެ އަރިއަރިމަތިން ކަންތައްތައް ކުރެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް ނޭނގެނީ އަކީ ނޫން. އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ އެ ކޮއިމެނަށް ހަމަވިސްނޭތޯ،" އަލީ ވަހީދު ވިދާޅުވި އެވެ.