ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކުން އިންޓަ މިލާން ބަލިކޮށް ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރިއިރު ޔޫރޮޕާ ލީގަށް ގޮސްފައިވާ ބާސެލޯނާއިން ވިކްޓޯރިއާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރޭ ބަޔާންގެ އަމިއްލަ ދަނޑުގައި އިންޓައާ ދެކޮޅަށް ކުޅުނު މެޗު ބަޔާނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ 32 ވަނަ މިނެޓުގައި ބަޔާނުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ ޖޯޝުއާ ކިމިޗް ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ބެންޖަމިން ޕަވާޑް ޖެހި ގޯލެކެެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ބަޔާނުން ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ އަލްފަންސޯ ޑޭވިސްގެ އެހީތެރިކަމާއެކު އެރިކް މެކްސިމް ޗޫޕޯ މޯޓިން ޖެހި ގޯލެކެވެ.

ބާސާގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ ބާސެލޯނާ

ރޭ ވިކްޓޯރިއާ ޕްލެޒެންގެ އަމިއްލަ ދަނޑުގައި ބާސާއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ބާސާއިން ނިކުތީ އެ ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ގިނަ ކުޅުންތެރިން ނުލައެވެ.

އެ މެޗުގައި ބާސާއިން ވަނީ ވަރަށް ކުރީ ކޮޅު ގޯލު ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ މެޗުގެ ހަވަނަ މިނެޓުގައި އަންސޫ ފަތީ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން މާކޮސް އެލެންސޯ ޖެހި ގޯލެކެވެ. އެ ގޯލަކީ ބާސާއަށް އެލެންސޯ ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ފެރާން ޓޮރެސް ވަނީ ބާސާގެ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ ޖޯޑީ އަލްބާގެ އެހީއާއެކު އޭނާ ޖެހި ގޯލެކެވެ.

ދެވަނަ ހާފު ފަށައިގެން ވިކްޓޯރިއާގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ 51 ވަނަ މިނެޓުގައި ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެ ގޯލަކީ ޕެނަލްޓީއަކުން ތޯމަސް ޗޯރީ ޖަހައިދިން ގޯލެކެވެ.

އެ ގޯލު ޖެހިތާ ތިން މިނެޓު ފަހުން ފެރާން ޓޮރެސް ވަނީ ރަފީނިއާގެ އެހީތެރިކަމާއެކު އޭނާގެ ދެވަނަ ގޯލު ޖަހައިފައެވެ. ނަމަވެސް ޗޯރީ ވަނީ މެޗުގެ 63 ވަނަ މިނެޓުގައި އަނެއްކާ ގޯލެއް ޖަހައިފައެވެ.

މެޗުގެ ފަހު ގޯލަކީ މެޗުގެ 75 ވަނަ މިނެޓުގައި ޕަބްލޯ ޓޮރޭ ޖެހި ގޯލެކެވެ. ޓޮރޭގެ ފުރަތަަމަ ޗެމްޕިއަންސް ލީގު މެޗުގައި އޭނާ ޖެހި ގޯލަކީ ބާސާއަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

އެ މެޗު ތަކުގެ ނަތީޖާއާއެކު ބަޔާން ގްރޫޕް ސީގެ އެއްވަނައިގައި އޮތީ 18 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އިންޓަ މިލާން އޮތީ 10 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި ބާސާ ހަތް ޕޮއިންޓާއެކު އޮތްއިރު ތާވަލުގެ ފުލުގައި ވިކްޓޯރިއާ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.