02 Nov 2022, 12:11
މެތިއު ޕެރީ ނުވަތަ 'ފްރެންޑްސް' ކާސްޓުގައި ހިމެނޭ ޗެންޑްލާ ވަނީ މި ސީރީޒްއާ ގުޅޭ މުޅިން އާ ވާހަކަތަކެއް ހިއްސާކޮށްފައެވެ.
އިއްޔެ ރިލީޒްކުރި މެތިއު ޕެރީގެ މެމޯ 'ފްރެންޑް، ލަވާސް، އެންޑް ދަ ބިގް ޓެރިބްލް ތިންގ' ގައި އޭނާ ބުނީ 1994ގައި ޕްރިމިއާ ކުރި މަޝްހޫރު ސީރީޒް ފްރެންޑްސްގެ ޕައިލެޓް އެޕިސޯޑުގައި އޭނާ އަށް 22،500 ޑޮލަރު ލިބުނު ކަމަށެވެ. އަދި، ކޮންމެ އެޕިސޯޑަށް މުސާރަ އިތުރުވަމުންގޮސް ކާސްޓުންނަށް އެއް މިލިއަން ކޮންމެ އެޕިސޯޑެއްގައި ދޭން ޖެހުނު ކަމަށްވެއެވެ.
މެތިއު ބުނި ގޮތުގައި ރޮސްގެ ރޯލު ކުޅުނު ޑޭވިޑް ޝްވިމާ އަށް އެންމެ ގިނައިން ފައިސާ ލިބެން ޖެހުނު ކަމުގައިވިޔަސް އޭނާ އެ ނުނަގާ ކަމަށެވެ. އަދި ޝޯގެ ޕްރޮޑިއުސަރުން އަތުން އެއްފަހަރާ ގިނައިން ފައިސާ ނުނަގަން ބާރު އެޅި ނަމަވެސް ކޮންމެ ސީޒަނަކުން އެ ފައިސާ ބޮޑުވީ ޑޭވިޑްގެ ސަބަބުން ކަމަށްވެއެވެ. އެހެންގޮސް އަށް ވަނަ ސީޒަންގައި އެޕިސޯޑަކުން މިލިއަން ޑޮލަރު ލިބުނު ކަމަށާއި އެންމެ ފަހު އަދި ދިހަ ވަނަ ސީޒަންގައި އެއަށްވުރެ ގިނައިން ލިބުނު ކަމަށްވެއެވެ.
އޭނާ އިތުރަށް ބުނީ އެ ދުވަސްވަރު ޕްރޮޑިއުސަރުން އޮފާކުރި އެއްޗަކަށް ޝުކުރުވެރިވާން ދަސްވީ ޑޭވިޑްގެ ސަބަބުންނެވެ.
މެތިއުގެ މެމޯގައި އޭނާ ވަނީ އޭނާ ކުޅުނު އެހެން ބައެއް ފިލްމުތަކުގައި ލިބުނު ފައިސާގެ އަދަދު ވެސް ކިޔައިދީފައެވެ. އެގޮތުން، ރޮމޭންޓިކް ކޮމެޑީ 'ފޫލްސް ރަޝް އިން' އިން 1 މިލިއަން ޑޮލަރާއި 1998ގައި ނެރުނު 'އޯލްމޯސްޓް ހީރޯސް' ފިލްމުން 2 މިލިއަން ޑޮލަރު ލިބުނު ކަމަށް އޭނާ ބުންޏެވެ.
ފްރެންޑްސް ޝޯ އަކީ މިއަދުވެސް ގިނަ ބަޔަކު ގަޔާވާ މަގުބޫލުކަން ހޯދާފައިވާ ޝޯ އެކެވެ.