02 Nov 2022, 12:17
އެކި ފަހަރުމަތިިން ލިބުނު މަރުގެ އިންޒާރުތަކާއެކު ބޮލީވުޑްތަރި ސަލްމާން ޚާން އާއި އަކްޝޭ ކުމާރުއަށް ދެމުން އަންނަ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.
ޕަންޖާބުގެ މިއުޒީޝަން ސިދޫ މޫސެވާލާގެ މަރަށްފަހު ސަލްމާން ޚާން އަށް ދިޔައީ މަރުގެ އިންޒާރުތައް މިއަހަރު ތެރޭ ލިބެމުންނެވެ. ސިދޫގެ މި ކޭސްއާ ގުޅިގެން އިންޑިއާގެ ގެންގްސްޓާ ބިޝްނޯއީ ހައްޔަރު ކުރުމުން ތަހުގީގުގައި ސަލްމާން މަރާލަން ޕްލޭންކޮށްފައިވާ ކަމަށް މި ގޭންގުން ވަނީ ބުނެފައެވެ. އެގޮތުން ސަލްމާން އުޅެމުންދާ ގޭގެ ބޭރުގައި އިންޒާރުގެ ނޯޓެއް ވެސް ވަނީ ބާއްވާފައެވެ. މި އިންޒާރުތަކާ ގުޅިގެން އަނެއްކާވެސް މި ވަނީ ސަލްމާންގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.
މީގެ އިތުރުން، އަކްޝޭ އަތުގައި ކެނެޑާގެ ސިޓިޒަންޝިޕް އޮންނާތީ އޭނާ އަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދަނީ މަރުގެ އިންޒާރުތައް ލިބެމުންނެވެ.
ހަބަރުތައް ބުނާގޮތުން ސަލްމާން ޚާން އަށް ދެނީ 'ވައި+' ސެކިއުރިޓީއެވެ. މިއީ، އާމްޑް ސެކިއުރިޓީ އާއެކު ތިބޭ ހަތަރު މީހުންނެވެ. އަދި އަކްޝޭ ކުމާރު އަށް ދޭން ހަމަޖެހިފައިވަނީ 'އެކްސް' ސެކިއުރިޓީއެވެ. އެއީ، އޭނާއާއެކު ތިން ސެކިއުރިޓީ އޮފިސަރުން އަބަދު ތިބޭ ގޮތަށެވެ.
މި ދެ ތަރިންގެ އިތުރުން ފިލްމީ ތަރި އަދި އިންޑިއާގެ ފިލްމް އެންޑް ޓެލެވިޝަން އިންްޓިޓިއުޓްގެ ޗެއާމަނަކަށް ހުންނެވި އަނުޕަމް ކޭރް އަށްވެސް މިފަދަ އިންޒާރުތައް ލިބެމުންދެއެވެ. އޭނާ އަށް މި އިންޒާރުތައް ލިބެމުން ދިޔައީ 'ކަޝްމީރީ ފައިލްސް' ފިލްމާ ގުޅިގެންނެވެ. މި ފިލްމުގައި ކަޝްމީރުގައި ހިނގާ ކަންކަން ދައްކުވައިދީފައިވާތީ އޭނާ އަށް ފާޑުކިޔުންއަމާޒުވިއެވެ.
އޭގެ އިތުރުން އަނޫޕަމް އަށްވެސް ދީފައިވަނީ އަކްޝޭ އަށް ދީފައިވާ 'އެކްސް' ކެޓަގަރީގެ ސެކިއުރިޓީ އެކެވެ.