02 Nov 2022, 12:22
ޑިޒައިނަރު މަސާބާ ގުޕްތާ އެންމެ ފަހުން ފެނުނީ އެކްޓަރެއްގެ ގޮތުގައެވެ. ތަފާތު ދާއިރާއަކުން ފެނުމަށްފަހު ޕޮޑްކާސްޓިން އަށް ނިކުންނަށް ތައްޔާރުވެފައިވާކަމަށް އޭނާ ބުނެފިއެވެ.
އިންޑިއާގެ މަޝްހޫރު ޑިޒައިނަރު މަސާބާ ގުޕްތާ މި ފަހުން ފެނުނީ އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ 'މަސާބާ މަސާބާ' ނެޓްފްލިކްސް ޝޯ އިންނެވެ. މި ޝޯ އިން އޭނާއަށް ލިބުނު ކާމިޔާބީ އަށްފަހު މަސާބާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 'އައި ހޭވް އަ ޕޮޑްކާސްޓް' ކަމަށެވެ. މާ ބޮޑު ތަފްސީލެއް ހިއްސާ ނުކުރާއިރު އެހެން ގޮތަކަށް އޭނާގެ ވާހަކަތައް ގެނެސްދޭން ތައްޔާރު ކަމަށް އޭނާ އިންސްޓަގްރާމް މެދުވެރިކޮށް ބުނެފައިވެއެވެ.
މަސާބާގެ ފޭނުން ދަނީ އޭނާގެ ޕޮޑްކާސްޓަށް އިންތިޒާރުކުރާ ކަމަށް ބުނަމުންނެވެ.
މަސާބާ ވަނީ ނެޓްފްލިކްސް އިން ގެނެސްދިން އޭނާގެ ޝޯގެ ދެވަނަ ސީޒަނެއް މިއަހަރު ގެނެސްދީފައެވެ. ދެވަނަ ސީޒަންގައި އޭނާގެ މަންމަ އަދި ކުރީގެ ބޮލީވުޑް ތަރި ނީނާ ގުޕްތާގެ މަންޒަރުތައް ގިނައިން ގެނެސްދީފައިވެއެވެ. އަމިއްލަ ހަޔާތުގެ މައްޗަށް އުފައްދާފައިވާ މި ޝޯގައި ނީނާ ގުޕްތާވެސް ފެންނައިރު އޭނާގެ ބައްޕަ ވިވް ރިޗަޑްސް ވެސް ބައެއް މަންޒަރުތަކުގައި ވަނީ ފެނިފައެވެ.
ޝޯގެ ޕްރޮޑިއުސަރުން ބުނެފައިވާ ގޮތުގައި 'މަސާބާ މަސާބާ' އަކީ އަސްލު ހަގީގީ ހާދިސާތަކަށް ބިނާކޮށް ހަދާފައިވާ ސީރީޒެއް ނަމަވެސް ބައެއް ގުޅުންތައް ދައްކުވައިދިނުމަށް ފިކްޝަނަލް ބައިތަކެއް ހިމަނާފައިވާނެއެވެ.
މަސާބާ އަކީ ބޮލީވުޑްގައި އަދި ހާއްސަކޮށް ފެޝަން ޑިޒައިނިންގައި އޭނާގެ ބްރޭންޑް 'ހައުސް އޮފް މަސާބާ' ދައްކުވައިދީފައިވާ ތަރިއެކެވެ.