ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބާސެލޯނާއާ ދެކޮޅަށް ނިކުނަނީ ހިތް ވަރާއެކު މެޗުން މޮޅުވުމުގެ އަޒުމުގައި ކަމަށް ޗެލްސީގެ ޕޯޗުގަލް މިޑްފީލްޑަރު ރައުލް މެއިރެލެސް ބުނފިއެވެ.

ބާސާއާ ދެކޮޅަށް ޗެލްސީ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗް ކުޅޭ މިމަހުގެ 18 ވަނަ ދުވަހު ޗެލްސީގެ އަމިއްލަ ދަނޑު ގައެވެ. އަދި ދެ ވަނަ ސެމީ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 24 ވަނަ ދުވަހު ބާސާ ދަނޑު ގައެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގައެއް ހޯދުމަށް ރޭ އަމިއްލަ ދަނޑުގައި ބެންފިކާއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރައުލް މެއިރެލެސް އެވެ. އަދި މެޗުގެ ފުރަތަމަ ލަނޑު ޗެލްސިއަށް ކާމިޔާބު ކޮށްދިނީ ލަމްޕާޑެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އުމުރުން 29 އަހަރުގެ، ރައުލް މެއިރެލެސް ރޭގެ މެޗަށް ފަހު ބުނީ، ސެމީ ފައިނަލުގައި ބާސާއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ ފަސްޖެހޭ ވަރުގެ ބޮޑު ބިރެއް ނޫން ކަމަށާއި ދަނޑު މައްޗަށް ނުކުންނަ ކޮންމެ ޓީމަކީ ވެސް މޮޅު ޓީމެއް ކަމަށެވެ. އެގޮތުން ޗެލްސީގެ ކުޅުންތެރިންގެ އަޒުމާއި ހިތްވަރު ހުރެއްޖެނަމަ އަމިއްލަ ދަނޑުގައި ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗް ކާމިޔާބު ކުރުން ވަރަށް މުހިންމު ކަމަށް އޭނަ ބުންޏެވެ.
"އަހަރުމެންނަކީ ވެސް ވަކި ބަލިޓީމެއް ނޫން. ކާމިޔާބަކީ އެއްބަޔަކަށް ލިބޭނެ އެއްޗެއް ވެސް ނޫން. އަހަރުމެން ވެސް ކުޅޭނީ މޮޅުވާން. ހިތްވަރުކޮށްފިނަމަ އަމިއްލަ ދަނޑުގައި އަހަރުމެން މޮޅުވާނެ. މިމުބާރާތުގައި ވާދަ ކުރާނީ ވެސް މޮޅެތި ޓީމްތައް. މުބާރާތުން އަލްވަދާއު ކިޔާނީ ވެސް މޮޅެތި ޓީމްތައް. އެކަމާ ހާސްވެގެން އުޅޭނެ ކަމެއް ނެތް" ރައުލް މެއިރެލެސް ބުންޏެވެ.
ބައެއް މީޑިއާ ރިޕޯޓް ތަކުން ބުނަމުން ދަނީ، ބާސާއާ ދެކޮޅަށް ޗެލްސީ ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗް ވެގެން ދާނީ އެ ދެޓީމް 2008- 2009 ގެ މުބާރާތުގެ ސެމީގައި ބައްދަލުކުރި ހަދާންތައް އާވެގެންދާނެ މެޗެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެ ފަހަރުގެ ދެ ވަނަ ލެގުގެ ފަހު ސިކުންތު ކޮޅުގައި އަންދްރޭ އިނިއެސްޓާ ޖެހި ލަނޑާ އެކު ފައިނަލުން ފުރުސަތު ހޯދީ ބާސާ އެވެ. އެހެން ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނަމުން ދަނީ، ފާއިތުވި އަހަރުތަކުގައި ނެރުނު ނަތީޖާއަށް ވުރެ މިފަހަރުގެ ޗެލްސީގެ ނަތީޖާ ރަނގަޅުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.