28 Jul 2010, 14:26
19:00
މަތި ދެކުނު ޕްރޮވިންސްގެ ރަށްތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމަށް އެމެރިކާގެ ކުންފުންޏަކާ އެކު 130 މިލިއަން ޑޮލަރުގެ މަޝްރޫއެއްގައި އަޕާ ސައުތު ޔުޓިލިޓީސް ލިމިޓެޑުން މިއަދު ސޮއިކޮށްފި އެވެ.
މަތި ދެކުނު ޕްރޮވިންސުގައި ހިމެނޭ ގއ. އަދި ގދ. އަތޮޅުގެ 15 ރަށަކަށް ނަރުދަމާގެ ޚިދުމަތް އަދި 17 ރަށަކަށް ފެނުގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ އެމެރިކާގެ ޔޫ.އީ.އެމް ކުންފުންޏާ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޔޫއީއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ކްރިޝް ކަތުރީ އެވެ. އަޕާ ސައުތު ޔުޓީލިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.
އަޕަރ ސައުތު ޔުޓިލިޓީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މިއަދު ވިދާޅުވީ، މަސައްކަތް ފެށޭތާ ދެ އަހަރާއި ފަސް މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކޮށް ނިންމުމަށް ޔޫ.އީ.އެމް ކުންފުންޏާއެކު އެއްބަސްވެފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް ހަރަދު ވާނެ ކަމަށް ލަފާކުރެވެނީ 130 މިލިއަން ޑޮލަރު ކަމަށާއި އެ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 58 ޕަސެންޓް އެމެރިކާގެ އެކްސްޕޯޓް އިމްޕޯޓު (އެގްޒިމް) ބޭންކުން ލޯނުގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް، ތިން އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއްގެ އިތުރުން 18 އަހަރު ލިބޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ބޮޑު ހަރަދެއް ކޮށްގެން ކުދި އަބާދީތަކަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ ވިޔަފާރީގެ ގޮތުން ދެކޮޅު ނުޖެހޭނެ ކަމެއްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ފެނާއި ނަރުދަމާގެ ޚިދުމަތަކީ ރައްޔިތުންނަށް މުހިންމު އަސާސީ ހިދުމަތަކަކަށް ވާތީ، އެ ހިދުމަތް ދޭނީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ޑީސެލިނޭޝަން ޕްލާޓެއް ގާއިމްކޮށް، އަދި ކޮންމެ ރަށެއްގައި ވެސް ތިމާވެއްޓާ ގުޅޭ ނަރުދަމާގެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް މި މަސައްކަތުގެ ދާއިރާއިން 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޔޫއީއެމް ކުންފުނިން ބުނެ އެވެ.
މަތި ދެކުނު ޕްރޮވިންސުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ސޯލާ ޕެނަލް ބޭނުންކޮށްގެން އަވިން ކަރަންޓު ފޯރުކޮށްދިނުމަށް އިންޑިޔާގެ ކުންފުންޏަކާ އެކު 90 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވެސް އަޕަރ ސައުތު ޔުޓިލިޓީން ދާދި ފަހުން ވަނީ ސޮއިކޮށްފަ އެވެ.