ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕޯޓޯ އަތުން އެތުލެޓިކޯ މެޑްރިޑް ބަލިވެ އެ ޓީމަށް ޔޫރޮޕާ ލީގު ވެސް ގެއްލިއްޖެއެވެ.

ރޭގެ މެޗަށް ނިކުތްއިރު އެ ޓީމު ވަނީ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުން ކަޓައިފައެވެ. ނަމަވެސް ޕޯޓޯ އަތުން މޮޅެއް ހޯދައިގެން ގްރޫޕް ބީގެ ތިން ވަނަ ޓީމުގެ ގޮތުގައި އެތުލެޓިކޯއަށް ޔޫރޮޕާ ލީގަށް ދެވޭނެއެވެ.

މިހާރު ތާވަލު އެތުރިފައިވާ ގޮތުން އެ ގްރޫޕްގެ އެއްވަނަ ލިބެނީ ޕޯޓޯއަށްށެވެ. އެ ޓީމު އެއްވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ދެވަނައިގައި ކްލަބް ބޫޖް 11 ޕޮއިންޓާއެކު އޮތްއިރު ތާވަލުގެ ތިންވަނަ ޓީމުގެ ގޮތުގައި ފަސް ޕޮއިންޓާއެކު ޔޫރޮޕާ ލީގަށް ކޮލިފައިވީ ލިވަކޫސަންއެވެ. ފަސް ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތީ އެތުލެޓިކޯއެވެ. ލިވަކޫސަނަށް ކުރި ލިބެނީ ހެޑް ޓު ހެޑް އުސޫލުން އެ ޓީމަށް ކުރި ލިބޭތީއެވެ.

ރޭ ޕޯޓޯގެ އަމިއްލަ ދަނޑުގައި އެތުލެޓިކޯއިން ކުޅުނު މެޗުން އެ ޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

ގޯލު ޖެހުމަށްފަހު ޕޯޓޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ/ ގެޓީ އިމޭޖްސް

އެ މެޗުގެ ވަރަށް ކުރީ ކޮޅު ޕޯޓޯއިން ލީޑުނަގައި އެތުލެޓިކޯ ހާސްކޮށްލިއެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި އެވަނިލްސަން ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ޕޯޓޯއަށް އެ ގޯލު ޖެހައިދިނީ މެހްދީ ތަރެމީއެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ޕޯޓޯއިން އިތުރު ގޯލެއްޖަހައި އެތުލެޓިކޯ ޔޫރަޕްގެ މުބާރާތެއް ކުޅުމުގެ އުންމީދު ފުނޑު ފުނޑުކޮށްލިއެވެ. އެ ގޯލަކީ ސްޓެފެން އެއުސްޓަކިއޯ ޖެހި ގޯލެކެވެ.

އެތުލެޓިކޯ ގޯލެއް ޖެހުމަށް ކުރި މަސައްކަތަށް ނިމުމެއްއައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ޕޯޓޯގެ އިވާން މަރްކާނޯ އަތުން ވައި ބައިކޮޅަށް ގޯލެއް ވަނުމުންނެވެ.