02 Nov 2022, 17:33
އެމެރިކާ ސަރުކާރުން ޓިކްޓޮކް މަނާކުރަން ޖެހޭ ކަމަށް އެގައުމުގެ މުވާސަލާތީ އެންމެ މަތީ އިދާރާ ކަމަށްވާ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ)ގެ ކޮމިޝަނަރު ބްރެންޑަން ކާ ވިދާޅުވެއްޖެއެވެ.
ކާ ތުހުމަތު ކުރައްވާ ގޮތުގައި ޗައިނާގެ ކުންފުންޏެއްގެ އުފެއްދުމެއް ކަމަށްވާ ޓިކްޓޮކްގެ ސަބަބަބުން ގައުމީ ސަލާމަތަށް ނުރައްކާ އޮވެއެވެ. އެއީ އެ އެޕް ބޭނުން ކުރާ އެމެރިކާގެ އެތައް މިލިއަން މީހުންގެ ޒާތީ މައުލޫމާތު ޗައިނާއަށް ލިބިދާނެތީ ކަމަށް އޭނާ ވިދާޅުވެއެވެ.
"އަހަރެން ގަބޫލެއް ނުކުރަން [ޓިކްޓޮކް] މަނާކުރުން ނޫން އެހެން އެއްވެސް މަގެއް އޮތް ކަމަކަށް،" އެމެރިކާގެ އޮންލައިން ނޫހެއް ކަމަށްވާ އެކްސިއޯސް އަށް ކާރު ވިދާޅުވިއެވެ.
އެމެރިކާ ސަރުކާރާ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމަށްވާ ކާ އިތުރަށް ވިދާޅުވީ ޓިކްޓޮކްގެ ސަބަބުން މީހުންގެ ޒާތީ މައުލޫމާތު ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ އަތަށް ނާރާކަން ޔަގީން ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ކަމަށްވާ ޗައިނާގެ ބައިޓްޑާންސް އިން އެމެރިކާގެ ޔޫޒަރުންގެ މައުލޫމާތު ޗައިނާގެ އޮފިޝަލުންނާ ހިއްސާ ކުރަމުންދާ ކަމަށް ބުނެ ކާގެ އިތުރުން ރިޕަބްލިކަން ޕާޓީއާއި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ އެޕް މެދުވެރިކޮށް އެމެރިކާގެ ސިޔާސީ އަދި އިޖުތިމާއީ ކަންތައްތަކަށް ނުފޫޒު ފޯރުވަން ޗައިނާ ސަރުކާރުން މަސައްކަތްކޮށްފާނެ ކަމަށް އެމީހުން ބުނެއެވެ.
ޓިކްޓޮކްގެ މައްޗަށް އެފްސީސީއަށް ބާރެއް ނުހިންގޭ ނަމަވެސް ކާ ވަނީ އެމެރިކާގެ ބޭރުގެ އިންވެސްޓްމަންޓްތައް ރިވިއުކުރާ ކޮމިޓީއެއް ކަމަށްވާ ކައުންސިލް އޮން ފޮރިން އިންވެސްޓްމަންޓް އިން ދަ ޔޫއެސް (ސީއެފްއައިޔޫއެސް)އިން ޓިކްޓޮކް މަނާކުރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެމެރިކާގެ އިސް އޮފިޝަލުންގެ މެދުގައި ޓިކްޓޮކާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ޗައިނާގައި ހުންނަ ބައިޓްޑާންސްގެ މުވައްޒަފުންނަށް އެމެރިކާގެ ޔޫޒަރުންގެ މައުލޫމާތު ލިބޭނެ ކަމަށް ބުނާ ވާހަކަތައް ޓިކްޓޮކުން ވަނީ ދޮގުކޮށްފައެވެ.
"ޓިކްޓޮކްއާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުގެ ތެރޭގައި ކުރެވޭ ސިއްރު މަޝްވަރާތަކުގައި ކޮމިޝަނަރު ކާގެ އެއްވެސް ދައުރެއް ނެތް ކަމަށާއި ކާގެ އެވާހަކަތަކަކީ އެފްސީސީގެ ކޮމިޝަނަރެއްގެ ހައިސިއްޔަތުން ފާޅުކުރައްވާ ޚިޔާލުތަކެއްގެ ބަދަލުގައި އޭނާގެ އަމިއްލަ ޚިޔާލުތައް ކަމަށް ފެނޭ،" ޓިކްޓޮކްގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

އެމެރިކާގައި ޓިކްޓޮކް މަނާ ކުރަން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މަސައްކަތް ކުރެއްވި -- ފޮޓޯ/ ގެޓީ
ހަމައެއާއެކު، ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ހަގީގަތާ ބެހޭ ގޮތުން އެމެރިކާ ސަރުކާރާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޓިކްޓޮކުން ބުންޏެވެ.
މިދިޔަ ޖޫން މަހު ކާ ވަނީ އެޕަލްގެ ސީއީއޯ ޓިމް ކުކް އާއި ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗައިއަށް ސިޓީތަކެއް ލިޔުއްވައި، އެ ދެ ކުންފުންނީގެ އޮންލައިން ސްޓޯރުން ޓިކްޓޮކް ނެގުމަށް އިލްތިމާސްކުރައްވާފައެވެ.
"ޓިކްޓޮކް މަސައްކަތް ކުރަނީ ގިނަ އަދަދެއްގެ ޒާތީ އަދި ނާޒުކު މައުލޫމާތު ހޯދާ ޖާސޫސީ ހަތިޔާރެއްގެ ގޮތުގައި. ޓިކްޓޮކް އިން ސާޗް އަދި ބްރައުޒިން ހީސްޓްރީން ފެށިގެން ކީސްޓްރޯކް ޕެޓާންސް އާއި ބަޔޮމެޓްރިކް އައިޑެންޓިފަޔާސް އާއި ފޭސްޕްރިންޓްސް ... އާއި ވޮއިސްޕްރިންޓްސް ވެސް ނަގާ،" ކާ ލިޔުއްވި ސިޓީގައިވެއެވެ.
ކާގެ ސިޓީގައި އިޝާރާތްކޮށްފައި ވަނީ ބަޒްފީޑް ނިއުސް އިން ޖޫން މަހު ޝާއިއުކޮށްފައިވާ ރިޕޯޓަކަށެވެ. އެ ރިޕޯޓުގައިވާ ގޮތުން ކުރިން އެނގިފައިވާ ވަރަށް ވުރެ ގިނަ މައުލޫމާތު ޓިކްޓޮކުން އެއްކުރާކަން ދޭހަވާ އޯޑިއޯ ރެކޯޑިންތަކެއް ވަނީ ލީކުވެފައެވެ. އެގޮތުން ޓިކްޓޮކްގެ ޑިރެކްޓަރަކު، ބައިޓްޑާންސްގެ އިންޖިނިއަރެއް "މާސްޓާ އެޑްމިން"އެއްގެ ގޮތުގައި ސިފަކޮށް އޭނާއަށް ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށް ވިދާޅުވާ ބައްދަލުވުމެއްގެ ތަފްސީލު އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ޓިކްޓޮކްގެ ޓްރަސްޓް އެންޑް ސޭފްޓީ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މީހަކު "ޗައިނާއަށް ހުރިހާ ކަމެއްވެސް ފެންނަ" ކަމަށް ބައްދަލުވުމެއްގައި ބުނެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
ޓިކްޓޮކްގެ އޮފިޝަލުން ތަކުރާރުކޮށް ބުނަނީ އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަން ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ބަޒްފީޑްގެ ރިޕޯޓް ޝާއިއުކުރުމުގެ ގަޑިއެއްހާއިރު ކުރިން އެ ކުންފުނިން ވަނީ އެމެރިކާގެ ޔޫޒަރުންގެ މައުލޫމާތު އޮރެކަލްގެ ސާވަރުތަކަށް މައިގްރޭޓްކޮށްފައިވާ ކަމަށް ބުނެފައެވެ.
ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ޓިކްޓޮކްގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ވިދާޅުވެ، އެ އެޕް މުޅިން މަނާކުރަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ފެޑެރަލް ގާޒީއަކު އެ މަސައްކަތް ހުއްޓުވިއެވެ.