02 Nov 2022, 08:02
މިޝްޔާ ރިފްއަތަށް ގޮވައިލުމާއެކު ރިފްއަތު މިޝްޔާއަށް ނަޒަރު ހުއްޓައިލިއެވެ. ރިފްއަތު ވީ ގޮތާ ބެހޭގޮތުން ސުވާލުކޮށްލުމާއެކު އިސްޖަހާލައިގެން އިނދެފައި މިޝްޔާ އޭނާ ބޭނުންވާ ކަމެއްގެ ވާހަކަ ހިއްސާކުރިއެވެ.
ރިފްއަތު ކެއުން މަޑުޖައްސައިލުމަށްފަހު މިޝްޔާއަށް ބަލައިލިއެވެ.
"އަޅުގަނޑު ބޭނުމޭ ރާއްޖޭން ބޭރަށް ދާން، ކިޔަވަން ދާން!" މިޝްޔާ މަޑުމަޑުން ބުނެލިއެވެ. ރިފްއަތަށް މާކިންއަށް ބަލައިލެވުނެވެ. މިޝްޔާއަށް ބަލަހައްޓައިގެން އިން މާކިން ރިފްއަތަށް ބަލައިލިއެވެ.
"މިޝްޔާ ކައިރީގައި ބައްޕަ ބުނީމެއްނު ރާއްޖޭން ކިޔެވޭ އެއްޗެއް ކިޔަޥާށޭ..." ރިފްއަތު ބުނެލިއެވެ.
"އެކަމަކު އަޅުގަނޑު ބޭނުންވަނީ އެއާ ޓްރެފިކް ކޮންޓްރޯލަރ އޭ ކިޔަވަން ބުނީމެއްނު. މަންމަ ހުރިއިރު ބުނީމަވެސް ބައްޕަ އެއްބަހެއް ނުވި." މިޝްޔާ ބުނެލިއެވެ.
"ޓީޗިން ނޫނީ، ނާރސިން އަކީވެސް ހަމަ ރަނގަޅު ދާއިރާތަކޭ... އަންހެން ކުދިންނާ ގުޅޭނީވެސް އެކަހަލަ ދާއިރާތައް. އެހެން ނޫނަސް މީހުންނާ އިނދެގެން ފިރިމީހާ ގެއަށް ގޮސް ދަރިން ލިބުނީމަ ދަރިން ބަލަން ޖެހޭނީ ވެސް އަންހެން ކުދިންނަށޭ. އޭރުން ކިޔަވާ އެއްޗެއްގެ ބޭނުމެއް ވެސް ނުހިފޭނެ." ރިފްއަތު އެހެން ބުނެލުމުން މިޝްޔާގެ މޫނުމައްޗަށް މާޔޫސްކަމުގެ އަސަރުތައް ވެރިވެގެން ދިޔައެވެ.
"އެ ކީއްވެތަ ދޮންބެއަށް ދޮންބެ ބޭނުންވާ އެއްޗެއް ކިޔެވެނީ؟" މިޝްޔާ އިސްޖަހާލައިގެން އެ އިން ގޮތަށް އިނދެ ސުވާލުކޮށްލިއެވެ.
"މިޝްޔާ! ކިޔަވަން ބޭނުމިއްޔާ މިކޮޅުގައި ކިޔެވޭ އެއްޗެއް ކިޔަވާނީ..." ރިފްއަތު ބުނެލިއެވެ.
"ބައްޕާ. މިޝޫ ބޭނުންވަންޏާ މިޝޫ ވެސް ފޮނުވަންވީނު ކިޔަވަން. އެހެން ނޫނަސް އަޅުގަނޑުވެސް ރާއްޖޭން ބޭރަށް ދާ ވާހަކަ މި ދައްކަނީ... އަޅުގަނޑާއެކީ މިޝޫ އުޅެންޏާ ފަސޭހަވެސް ވާނެއެއްނު. އެކަންޏެއް ވެސް ނުވާނެއެއްނު." މާކިން މިޝްޔާގެ ދިފާއުގައި ވާހަކަ ދެއްކިއެވެ. އޭނާ ރިފްއަތަށް ބަލައިލީ އުންމީދުން ފުރިގެންވާ ގޮތަކަށެވެ. މާކިންއަށް ބަލަން އިނުމަށްފަހު ރިފްއަތު މިޝްޔާއަށް ބަލައިލިއެވެ.
"ކޮންތަނަކުން ކޯސް ތިބެލީ؟" ރިފްއަތު ސުވާލުކޮށްލިއެވެ.
"ޔޫއެސް.." މިޝްޔާ އެއިން ގޮތަށް އިނދެ ބުނެލިއެވެ.
"އެހިސާބަކަށް ނުފޮނުވޭނެ އެކަންޏެއް މިޝްޔާ. ކީއްވެތަ ނުވިސްނެނީ؟ އެހެން ނޫނަސް، އެ ހިސާބަސް ގޮސްގެން އަންހެން ކުއްޖަކު ކިޔެވުމުގެ ބޭނުމަކީ ކޮބައިތަ؟ ރާއްޖޭގައި ކިޔެވޭ އެއްޗެއް ކިޔަވާނީ... މީ އަހަރެންގެ ފަހުގެ ނިންމުން." ރިފްއަތުގެ އެ ޖަވާބާއެކު މިޝްޔާގެ ހިތުގައި ރިއްސައިލިއެވެ. އެއާރ ޓްރެފިކް ކޮންޓްރޯލަރ އަކަށްވުމަކީ އޭނާ ކުޑަ އިރުއްސުރެ ދެކެމުން އައި ހުވަފެނެއެވެ. އެއީ އޭނާ ދެކެމުންއައި ވަރަށް ފޮނި އުންމީދެކެވެ. މިހުރިހާ ދުވަހުވެސް ބައްޕަ އެކަމާ ނުގަބޫލުވީތީ އޭނާއަށް ޖެހުނީ ސްކޫލް ނިންމުމަށްފަހު، ލިބުނު ސްކޮލަރޝިޕް ވެސް ދޫކޮށްލާށެވެ. އެހެންނަމަވެސް. ދެވަނަ ފަހަރުވެސް އޭނާ އެ ވާހަކަ ދެއްކީ ރިފްއަތުގެ ވިސްނުން ބަދަލުވޭތޯއެވެ. ލިބުނު މާޔޫސްކަމުގެ ސަބަބުން އޭނާ ކާހިތްވެސް ކެނޑުނެވެ. ހަޤީގަތުގައި އޭނާ އެވާހަކަ އަލުން ރިފްއަތުގެ ކައިރީގައި ދެއްކި އެހެން ސަބަބެއް ވެސް ވެއެވެ. އޭނާ ބޭނުންވަނީ މާހައުލު ބަދަލުކޮށްލުމަށެވެ. ހިތި އެ ހަނދާންތަކުން ދުރުވުމަށްޓަކައި ސިކުނޑި ބިޒީކޮށްލުމަށެވެ. އެ މާހައުލާއި، އެގޭގައި އުޅުމަކީ އެތަކެއް ދުވަހަކު މަރުވުން ކަހަލަ ކަމެކެވެ. އަދިވެސް ހީވަނީ ބޮޑުބޭބެ ދެންމެ ދެންމެ އަތުވެދާނެހެންނެވެ. ނިދެނީވެސް ރޮއިރޮއި އޮއްވައެވެ.
އެހެން އިނދެފައި މިޝްޔާ ގޮނޑިން ތެދުވުމާއެކު، މާކިން މިޝްޔާއަށް ގޮވައިލިއެވެ. އެހެންނަމަވެސް އަޅައިނުލާ އޭނާ ގޮސް ސިޑިން އަރަންފެށިއެވެ.
"ބައްޕާ... މިޝޫއަށް ދާން ހުއްދަ ދީބަލަ! ވަރަށް ބޭނުންވެގެންނޭ އެވާހަކަ އެ ދެއްކީ. އެ ހާދިސާއަށްފަހު، މިޝޫއަށް ވެފައި އެ ހުރި ގޮތް ބައްޕައަށް ވެސް އެނގެއެއްނު. ވެދާނެެއެއްނު މި މާހައުލާ ދުރަން ދާން ބޭނުންވަނީ ކަމަށް ވެސް. އިސްވެ އެ ވާހަކަ އެ ދެއްކީ އެ ކަންތައްތައް މަތިން ހަނދާން ނައްތާލާފައި ދިރިއުޅުމައިގެން ކުރިއަށް ދާން ވިސްނާތީކަމަށް ވެސް ވެދާނެއެއްނު. ބައްޕަ އެކަމަށް ހުއްދަ ނުދެންޏާ މިޝޫ އަނެއްކާ އިތުރަށް ސަކަޜާތްވެދާނެ. އެ ހާދިސާގެ އިތުރުން މަންމަގެ ވަކިވުމުންވެސް އެންމެ ބޮޑަށް އަސަރުކުރާނީ މިޝޫއަކަށްނު. އެއްވެސް މީހަކު ނެތެއްނު މިހާރު މިޝޫ ކައިރިއަކު. އަޅުގަނޑާ ބައްޕައާ ދެމީހުން ވެސް އޮފީސްކަންތަކުގައި ބިޒީވީމަ މިޝޫ ކިހާ އެކަނިވެރިވާނެ..." މާކިން ރިފްއަތާ ހިއްސާކުރި ވާހަކަތަކުން ވެސް ރިފްއަތުގެ ވިސްނުން ބަދަލުވީހެނެއް ހިޔެއް ނުވެއެވެ.
"މިކޮޅުގައި ކިޔެވޭ އެއްޗެއް ކިޔަވަން ހުއްދަ ދީފީމެއްނު. އަންހެން ކުދިން ދުރަށް ފޮނުވުމަކީ އެހާ ރަނގަޅުކަމެއް ނޫނޭ މާކިން. ބައްޕަ އެހެން މި ބުނަނީ ކޮންމެވެސް ސަބަބެއް އޮވެގެންކަން މާކިންއަށް ނުވިސްނޭތަ؟" ރިފްއަތުގެ ވާހަކަތައް ހުރި ގޮތުން އޭނާގެ ވިސްނުން ބަދަލުކުރުމަކީ އުނދަގޫކަމެއްކަން މާކިންއަށް ވިސްނުނެވެ. އިތުރަށް ބުނާނެ އެއްޗެއް ދައްކާނެ ވާހަކައެއް އޭނާގެ ސިކުނޑިއަކަށް ނަޔެވެ. ހިމޭންކަން ޚިޔާރުކުރިނަމަވެސް، މާކިން ވަނީ މިޝްޔާއާމެދު ކަންބޮޑުވެ ހާސްވެފައެވެ.
ކޮޓަރިއަށް ވަތް ގޮތަށް ވަދެ މިޝްޔާ އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. މިޝްޔާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތަކުން އެނދުގެ ބެޑްޝީޓް ތެމެމުން ދިޔައެވެ.
"މަންމާ... އަހަރެން މުޅިން އެކަނި ވެއްޖެ. އެކަކަށްވެސް އަހަރެން އުޅޭ ޙާލު އިހްސާސްއެއް ނުކުރެވޭ. މިހެން އުޅެން ވެއްޖެނަމަ އަހަރެން މަރުވެދާނެ. ބައްޕައަށް ކީއްވެތަ ނުވިސްނެނީ؟" މިޝްޔާގެ ހިތުގައި ވަނީ ހުސް ޝަކުވާއެވެ. އެތައް އިރަކު މިޝްޔާ ރޯން އޮތެވެ. މާކިން އައިސް ދޮރުގައިނ ޓަކި ޖެހުމުންވެސް މިޝްޔާ ދޮރު ހުޅުވާ ޚިޔާލެެއް ނުކުރިއެވެ.
އެދުވަހަށް ފަހުވެސް އެތަކެއް ފަހަރު ރާއްޖޭން ބޭރަަށް ދާންވެގެން މިޝްޔާ ރިފްއަތު ކައިރީގައި އާދޭސްކުރިއެވެ. އެހެންނަމަވެސް އެކަމަށް ރިފްއަތު އެއްބަހެއް ނުވިއެވެ. މާކިން ކައިރީގައިވެސް މިޝްޔާ އެތަކެއް ފަހަރަކު އެ ވާހަކަ ދެއްކިއެވެ.
***
ކޮޓަރިއަށް ވަތް މިޝްޔާގެ މޫނުމަތީގައި އެއްވެސް ކަހަލަ ދިރުމެއް ނެތެވެ. ދެލޮލުގައި އޭރުވެސް ކަރުނައިގެ އަސަރުތައް ހުއްޓެވެ. އޭނާ އެ އައި ގޮތަށް އައިސް އެނދުގައި އިށީނެވެ. އިރުކޮޅެއް ނުވެ މާކިން އައިސް މިޝްޔާގެ ކޮޓަރިއަށް ވަނެވެ. އެނދުގައި އިން މިޝްޔާ ގާތަށް އައިސް ހުއްޓުނު މާކިން ވާހަކަ ދެއްކިއެވެ.
"މިޝޫ... ދޮންބެ ވަރަށް ޓްރައިކޮށްފިން... ބައްޕައާ ވަރަށް ވާހަކަ ދައްކައިފިން. އެކަމަކު އެކަމަށް ބައްޕަ އެއްބަހެއް ނުކުރެވުނު. މިއަދު ދޮންބެއާ ދިމާލަށް ވެސް ވަރަށް ހިތްހަމަ ނުޖެހިގެން ބައްޕަ ވަހަކަ ދައްކައިފި." މާކިންގެ އަޑުގައިވެސް ވަނީ މާޔޫސްކަމެކެވެ.
"އެކަމަށްވެސް އަހަރެންގެ ހާލެއް އިޙްސާސްއެއް ނުކުރެވޭނެ" މިޝްޔާ ބުނެލިއެވެ.
"މިޝޫ..."
"އިޓްސް އޯކޭ ދޮންބޭ... ދެން ހެޔޮ. އައި ޑޯންޓް ވޮނަ ޓޯކް އެބައުޓް އިޓް އެނީމޯރ." މިޝްޔާ ބުނެލިއެވެ. މާކިން އިތުރަށް ވާހަކަ ދައްކަން އުޅުމުންވެސް މިޝްޔާ އެ ފުރުސަތެއް މާކިންއަކަށް ނުދިނެވެ. މިޝްޔާ ހުރީ މާކިން ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަހަލަ ޙާލަތެއްގައި ނޫންކަން މާކިންއަށް ވިސްނުމާއެކު، އޭނާ ނިންމީ ވަގުތުކޮޅެއް މިޝްޔާއަށް ދިނުމަށެވެ. މިޝްޔާގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމައިލުމަށްފަހު، މާކިން މާފަށްއެދުނީ އޭނާއަށް ވެސް ބައްޕަ އެއްބަސް ނުކުރެވުމުންނެވެ.
މާކިން ނުކުތުުމުން މިޝްޔާ ފުންނޭވާއެއް ދޫކޮށްލަމުން ހަމަޖެހެން މަސައްކަތްކުރިއެވެ.
އޭގެ މަސް ދުވަސް ފަހުން މާކިންގެ ކޯސް ހަމަޖެހި މެލޭޝިއާގެ ޔުނިވަރސިޓީއިން ގުޅުމުން މާކިން އެ ވާހަކަ އެންމެ ފުރަތަމަ ހިއްސާކުރީ ރިފްއަތުއާއެވެ. ރިފްއަތު އުފަލާއެކު މާކިންއަށް މަރުހަބާކީ ނަމަވެސް، އެކަމުން މާކިންއަށް އެއްވެސް އުފާވެރިކަމެއް ނުލިބުނެވެ. ހަޤީގަތުގައި މިޝްޔާ އެކަނިކޮށްފައި އެގޮތަށް ފުރައިގެން ދާކަށް މާކިން ބޭނުމެއް ނުވިއެވެ.
"ބައްޕާ އަޅުގަނޑު މި ވިސްނަނީ މި އަހަރު އެހަށް ކޯސް ދޫކޮށްލަންކަމަށް. އަންނަ އަހަރު ދާނީ... މިހުރިހާ ކަމަކާ... އަނެއްކާ މަންމަ ނިޔާވީމަ. މިޝޫ..." މާކިންއަށް އެ ވާހަކަތައް ދައްކާނެ ގޮތެއް ނޭނގުނެވެ. ރިފްއަތު އެކަމާ އެއްބަސްނުވުމުން ހަތިޔާރު ބަހައްޓަން މާކިންއަށް މަޖުބޫރުވިއެވެ. އެ ވާހަކަތައް މިޝްޔާއަށް ހާމަކުރާނީ ކިހިނެއްކަމެއް މާކިންއަކަށް ނޭނގުނެވެ. އެހެންނަމަވެސް، އެއީ ކޮންމެހެން ބުނަން ޖެހޭނެ ވާހަކަތަކެއްކަން އޭނާގެ ޒަމީރު އޭނާއަށް ވިސްނައިދިނެވެ. އެވާހަކަތައް މިޝްޔާއާ ދައްކަން މާކިން ނިންމީ ތަންކޮޅެއް ހަމަޖެހިލައިގެން ހުރެއެވެ.
ޖެހިގެން އައި ދުވަހުގެ ރޭ މާކިން މިޝްޔާ ގޮވައިގެން ހުޅުމާލޭގެ ރެސްޓޯރެންޓަކަށް ކާން ދިޔައެވެ. އެއްޗިއްސަށް އޯޑަރު ދިނުމަށްފަހު، މާކިން އެކި އެކި ވާހަކަތައް މިޝްޔާއާ ދެއްކިނަމަވެސް، ގިނަ ފަހަރު މިޝްޔާ އާ ނުވަތަ ހޫމް އަކުން ފުއްދައިލަނީއެވެ. މާ ގިނަ ވާހަކައެއް އޭނަ ނުދައްކައެވެ. މާކިން އޭނާއަށް ކޯސް ލިބުނު ވާހަކަ މިޝްޔާ ކައިރީގައި ބުނީ ކައި ނިމިގެންނެވެ.
"ކޮންގްރެޗުލޭޝަންސް..." މިޝްޔާ މާކިންއަށް ބަލައިލުމަށްފަހު، އެހެން ބުނެލިއެވެ. އޭރު އެ ތުންފަތް މަތީގައިވީ ހިނިތުންވުމަކީ ގަދަކަމުން ވެރިކޮށްލާފައިވާ ހިނިތުންވުމެއްކަން މާކިންއަށް އެނގުނެވެ.
މިޝްޔާ ހަޤީގަތުގައި މާކިންއަށް ކޯސް ލިބުމުން އުފާވިއެވެ. އޭނާ އެންމެ ފުރިހަމަ ގޮތުގައި މާކިންގެ އެ އުފަލުގައި ބައިވެރިވާން ބޭނުންވިނަމަވެސް، އެކަމަށް އޭނާގެ ޒަމީރުތަނެއް ނުދިނެވެ. ހިތުގެ އެއްކަނުގައި މާކިންއާ މެދު ވެސް ޝަކުވާ އުފެދުނެވެ. އެންމެ ބޭނުންވި ދުވަހު އޭނާ އެކަނިކޮށްލާފައި ދަނީއޭ މިޝްޔާއަށް ހީވަނީއެވެ.
"އައި އެމް ސޮރީ... ދޮންބެ ޓްރައި ކުރިން ކޯސް ދޫކޮށް..."
"އިޓްސް އޯކޭ އޭ ދޮންބޭ. އަހަރެން އެއްޗެއް ނުބުނަމެއްނު. އައި އެމް ހެޕީ ފޯ ޔޫ... ދެން އަވަހަށް ގޮސް ނިންމާލާފަ އާދޭ!" މިޝްޔާ ބުނެލިއެވެ. އޭނާ ބެލީ ވީހާވެސް ހަމަޖެހިގެން ވާހަކަ ދެއްކޭތޯއެވެ.
***
މާކިން މެލޭޝިޔާއަށް ފުރުމާއެކު މިޝްޔާ ކުރިއަށް ވުރެ ބޮޑަށް އެކަނިވިއެވެ. ހިތާމައިގެ ސާލެއް މިޝްޔާ ވަށައިލިފަދައެވެ. އެކަނިވެރިކަމާއި ގިލަނުގެ ތެރޭގައި އޭނާގެ ނަފްސު އޮޔާ ދާފަދަ އިޙްސާސްއެއް މިޝްޔާއަށް ކުރެވެން ފެށިއެވެ. އެކަނި މާއެކަނި އޮންނަން ވުމުން ބޮޑުބޭބެގެ ޚިޔާލުތައް ރެއާއި ދުވާލު އޭނާއަށް ގޯނާކުރަމުން ދިޔައެވެ. ރިފްއަތު އޮފީހުގެ މަސައްކަތުގައި މަސްއޫލުވެ އުޅެން ހަދައިގެން އޭނާއަށް މިޝްޔާގެ ޙާލު ބަލައިލެވެނީ ހާލަކުން ފަހަރަކުއެވެ. ވާހަކަ ދައްކައިލާ ފަހަރަކުވެސް ހާލު އަހައިލުން ފިޔަވާ މާ ގިނަ ވާހަކަތަކެއް އޭނާ ނުދައްކައެވެ.
(ނުނިމޭ)