01 Nov 2022, 21:48
ދެ އަލްބަމެއް ނެރެފައިވާ "ކުށެއް ނޫނޭ" ބޭންޑުގެ ލަވަކިޔުންތެރިޔާ އަަހުމަދު ޒިޔާ އައްބާސް، 53، މިއަދު ހެނދުނު އަވާހަރަވެއްޖެއެވެ.
ޒިޔާ އަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓުގައާއި މަޖިލީހުގައި ޚިދުމަތް ކުރައްވާފައިވާ އައްބާސް އިބްރާހީމްގެ ދަރިކަލެކެވެ.
އައްބާސް މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ، ޒިޔާ އަވަހާރަވީ ކުއްލި ގޮތަކަށް ކަމަށެވެ. އަދި ޒިޔާގެ ކަށުނަމާދުގެ ކަންކަން ކުރިއަށްދާނީ މިރޭ އާސަހަރާ މިސްކިތުގައި ކަމަށް އެ ބަޔާނުގައިވެއެވެ.
ޒިޔާ އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެ ކުރިއަށް އިސްނެގި ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށެވެ.
ސެޕްޓެމްބަރު 19، 2003ގައި ޖަލުގައި ހަސަން އީވާން ނަސީމް މަރާލި މައްސަލައަށް ފަހު ޖެހިގެން އައި ދުވަހު މާލޭގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޒިޔާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރިއެވެ. އެ މައްސަލައިގައި އޭނާ 10 އަހަރަށް ޖަލަށް ލާން 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް، 2008ވަނަ އަހަރު ރައީސް މައުމޫން އޭނާއަށް މައާފު ދެއްވިއެވެ.
ޒިޔާ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް މީހުން ހޭލުންތެރި ކުރުމަށް މަަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އޭނާގެ "ކުށެއް ނޫނޭ" ބޭންޑުން ނެރުނު ދެވަނަ އަލްބަމް ކަމަށްވާ "ލައް" އަލްބަމްގައި މަސްތުވާތަކެއްޗަށް މީހުން އެނބުރޭ ސަބަބުތަކަށާއި އޭގެ ސަބަބުން ދިމާވާ ހިތްދަތި ކަމަށް އަލިއަޅުވާލާފައިވެއެވެ.
އެ އަލްބަމް ނެރުނީ 2019 ވަނަ އަހަރެވެ. އެ އަލްބަމް ލޯންޗު ކުރުމަށް ބޭއްވި ހަފުލާގައި އަލްބަމް ވިއްކައިގެން ލިބުނު ފައިސާ ހަދިޔާކުރީ ރިހެބިލިޓޭޝަން މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޖާނީ އަށެވެ.