01 Nov 2022, 23:32
ސަގާފީ ނެށުމާއި ލަވަތައް ދައްކުވައިދިނުމަށް އިންޑިއާގައި ބާއްވާ "ނެޝަނަލް ޓްރައިބަލް ޑާންސް ފެސްޓިވަލް"ގައި ބައިވެރިވުމަށް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕު "ބިދަބިން"ގެ ދިހަ މެމްބަރުން އެ ގައުމަށް ހިނގައްޖެއެވެ.
އިންޑިއާގެ ޗައްތިސްގަރުގައި މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް އޮންނަ މި ފެސްޓިވަލުގައި ބައިވެރިވުމަށް އިންޑިއާއަށް ފުރުމުގެ ކުރިން "ބިދަބިން" ބޮޑުބެރު ގްރޫޕުގެ މެންބަރުން ވަނީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ)ގެ ޑިރެކްޓަރު އަދި ފަސްޓް ސެކްރެޓަރީ ޑރ. ސައީދު ތަންވީރް ނަސްރީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފެސްޓިވަލްގައި "ބިދަބިން" ބޮޑުބެރު ގްރޫޕުން ދައްކުވައިދޭނެ ލަވަތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން "ބިދަބިން" ބޮޑުބެރު ގްރޫޕުގެ މެނޭޖަރު މުހައްމަދު އާސިމް (އާއްކޮ) ބުނީ، ތަފާތު ރާގުތަކުގެ ބޮޑުބެރާއެކު ތަފާތު ނެށުންތައް މި ފެސްޓިވަލްގައި ދައްކުވައިދޭނެކަމަށެވެ.
"ސަގާފީ ނެށުންތަކުގެ ތެރެއިން ދައްކުވަދޭނީ މާފަތި ނެށުން، މާކޯނި ނެށުން ފަދަ ނެށުންތަކެއް،" އާއްކޮ ބުންޏެވެ.
އޭނާ ބުނީ ބޮލީވުޑުގެ ލަވަތަކާ ދިވެހިން ވަރަށް ގާތްކަމަށެވެ. އެހެންކަމުން ބެލުންތެރިންނަށް ސަޕްރައިޒެއް އޮތްކަމަށް ވެސް އޭނާ ބުންޏެވެ.
"ބިދަބިން" ބޮޑުބެރު ގްރޫޕަކީ މިވަގުތު ރާއްޖޭގައި އެންމެ މަގުބޫލު އެއް ބޮޑުބެރު ގްރޫޕެވެ. މާލެއާއި ރަށްރަށުގެ އިތުރުން ރިސޯޓުތަކުގައި ވެސް "ބިދަބިން"ގެ ޝޯތައް ބާއްވައެވެ.
"ނެޝަނަލް ޓްރައިބަލް ޑާންސް ފެސްޓިވަލް"އަކީ ޗައްތިސްގަރު މިނިވަން ސްޓޭޓަކަށްވުމުގެ އުފަލުގައި ކޮންމެ އަހަރަކު ބާއްވާ ފެސްޓިވަލެކެވެ.
މި ފެސްޓިވަލުގައި އެކި ގައުމުތަކުން ބައިވެރިވާއިރު، އެކި ގައުމުތަކުގެ ސަގާފީ ލަވަތަކާއި ނެށުން ދައްކުވައިދެއެވެ. އެގޮތުން "ނެޝަނަލް ޓްރައިބަލް ޑާންސް ފެސްޓިވަލް"ގައި މިއަހަރު ރާއްޖެގެ އިތުރުން މޮންގޯލިއާ، ރަޝިއާ، ޓޮންގޯ އަދި އިންޑޮނޭޝިއާއިން ބައިވެރިވެއެވެ.