01 Nov 2022, 20:08
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި އޮތް ބަޖެޓަކީ އެއްވެސް ވަރަކަށް ބެލުމެއްނެތި އެކުލަވާލާފައިވާ ބަޖެޓެއް ކަމަށާއި، ބަޖެޓް ތައްޔާރު ކޮށްފައިވަނީ ލިބޭ އާމްދަނީއަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ކަމަށް ލ. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓާ ބެހޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ، ބަޖެޓެއް ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކަކާއި ހަމަތަކެއް ހުންނާނެ ކަމަށެވެ. މި އުސޫލުތަކަކީ ބަޖެޓް ތައްޔާރުކުރާއިރު ބައިނަލްއަގުވާމީ ގޮތުން ހުރިހާ ގައުމުތަކެއްގައި ވެސް ހިފަހައްޓާ އުސޫލުތަކެއް ކަމަށް ސައީދު ވިދާޅުވިއެވެ.
"އޭގެ ތެރޭގައި އެންމެ ބޮޑަށް ބަލަންޖެހޭ އެއްކަމަކީ ގައުމަކަށް ލިބެންޖެހޭ އާމްދަނީއާ ނުބައްދަލު ޚަރަދުތައް ކުރުމަށް ބަޖެޓުގައި ނުހިމެނުން. މިއީ ބަޖެޓެއް ތައްޔާރުކުރުމުގައި އެންމެބޮޑަށް ބަލަންޖެހޭ އެއް ކަންތައް. އަދި ހަނދާން ކުރަން ޖެހޭނެ ބަޖެޓަކީ އެއަށް ޒިއްމާވާން ޖެހޭނެ އެއްޗެއްކަންވެސް،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، މި ސަރުކާރުން ބަޖެޓް ތައްޔާރު ކުރަނީ ކުރެވޭ ޚަރަދަށް އެއްވެސް ވަރަކަށް ޒިންމާވުމެއް ނެތިކަމަށާއި، އެކަން މިދިޔަ އަހަރު ހުށަހެޅި ބަޖެޓުން ވެސް އެނގޭ ކަމަށެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓުން ރިކަރަންޓް ޚަރަދު އާމްދަނީން ފޫބެއްދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވާއިރު އެކަން ބަޖެޓުން ނުފެންނަކަމަށް ސައީދު ވިދާޅުވިއެވެ. މިގޮތުން މިއަހަރަށް ކަނޑައެޅި ބަޖެޓް ހަމަވިއިރު، މިހާތަނަށް ފަސް ބިލިއަނެއްހާ ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"ބަޖެޓް ދެކޮޅު ނުޖެއްސޭ ހާލަތުގައި ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި ފާސްކޮށްގެން ހަރަދުކުރެވިދާނެ. އެނޫންގޮތަކަށް އެކަމެއް ނުވާނެ،" ސައީދު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަޔާނުގައިވާގޮތުން އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 7.6 ޕަސެންޓަށް ކުރިއަރާނެއެވެ. މީގެ މައިގަނޑު ސަބަބެއްކަމަށް ސަރުކާރުން ފާހަގަކޮށްފައިވަނީ ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރައިގެންދިއުމެވެ.
މިކަމަށް އިޝާރަތްކުރައްވައި ސައީދު ވަނީ، އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ މެދު ސުވާލު އުފައްދަވާފައެވެ. އަދި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ކޮޅެއް އަދި ނުފެންނާތީވެ، ޔޫރޯ ޒޯންގެ އިގުތިސާދާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުން އަދި ޔަގީން ނުކުރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
"މިކަންކަން މިގޮތަށް އޮއްވައި ޓޫރިޒަމް ސިނާއަތުން ނަގަމުން އަންނަ ޓެކްސްތައް އިތުރަށް ބޮޑުކުރީމަ ވާނީ ކިހިނެއްތޯ؟ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވާނީ އިތުރު ތޯ؟" ސައީދު ސުވާލު އުފެއްދެވިއެވެ.
ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކުރާ 42.7 ބިލިއަން ރުފިޔާގެ ބަޖެޓް މިދިޔަ ހޯމަދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ބަޖެޓަށް ލިބޭނޭކަމަށް ލަފާކުރާ އާމްދަނީގެ އަދަދަކީ 32.1 ބިލިއަން ރުފިޔާއެވެ.
މި ބަޖެޓާ ގުޅޭގޮތުން މިނިސްޓަރު އަމީރު ވިދާޅުވީ، މި ބަޖެޓް ވެގެންދާނީ އުއްމީދީ ބަޖެޓަކަށް ކަމަށެވެ.
ބަޖެޓުގައި ގިނަ ކަންކަން ރާވާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކޮންމެ ދާއިރާއަކުން ވެސް ބޭނުންވާ ހައްލުތަކަށް މަސައްކަތްކުރުމަށް ބަޖެޓުކުރެވިފައިވާ ކަމަށެވެ. އަދި އެ ބަޖެޓަކީ ކޮވިޑް-19ގެ އިގްތިސާދީ އަޑިގަނޑަށްފަހު ދައުލަތުގެ ރިކަރަންޓް ޚަރަދު އާމްދަނީން ފޫބެއްދޭނެ ފުރަތަމަ ބަޖެޓު ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.