05 Apr 2012, 13:11
ނުރައްކާތެރި ކުށްވެރިޔާ ގ.ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށްޓަކައި ވަކީލަކު އައްޔަންކުރުމުގެ އެންމެ ފަހުގެ ފުރުސަތު ކޯޓުން މިއަދު ޝަހުމް އަށް ދީފި އެވެ.
އެ މައްސަލައިގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެންމެ ފަހުން ޝަރީއަތުގެ މަޖިލީހެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ކަމަށާއި އެދުވަހުން ފެށިގެގެން މިއަދާއި ހަމަޔަށް ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ޝަހުމްއަށް ދީފައިވާ ކަމަށެވެ.
ނަމަވެސް އަދިވެސް ޝަހުމް ވަކީލަކު އައްޔަންކޮށްފައި ނުވާކަމަށާއި މިއަދު ދީފައި ވަނީ ވަކީލަކު އައްޔަން ކުރުމުގެ އެންމެ ފަހު ފުރުސަތު ކަމަށެވެ. އަދި ވިދާޅުވީ ދެން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ބާއްވާ ދުވަހާއި ހަމަޔަށް ވަކީލަކު ހަމަނުޖައްސައިފިނަމަ ވަކީލަކާއި ނުލައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.
ޝަހުމުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ ޖުލައި،30 2010 ދުވަހު ހަވީރު، ޝަހުމް އިތުރުބަޔަކާ އެކު، މާޒިޔާ ދަނޑުގައިކުޅެން ތިބި ބައެއްގެ ކައިރިއަށް ގޮސް ހަމަނުޖެހުން އުފައްދައި މާރާމާރީ ހިންގާފައިވާ ކަމަށް ބުނެ އެވެ. އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން، 17 ވަނީ މަރުވެފަ އެވެ.
މީގެ އިތުރުން ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގަވެސް ވަކީލަކު އައްޔަންކުރުމަށް އެނެމެ ފަހުގެ ފުރުސަތު ދިނުމުން ޝަހުމް ވަނީ ވަކީލަކު އައްޔަންކޮށްފައެވެ.