01 Nov 2022, 20:33
ފިނި މޫސުމާ ދިމާކޮށް, ފްރާންސްގެ ގައުމީ އެއާލައިން އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.
ރާއްޖެއަށް މިއަދު ފެށި ދަތުރުތައް ބާއްވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގެ ޗާލްސް ދުގުލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
އެއާ ފްރާންސުން ރާއްޖެއަށް ފެށި ދަތުރުތަކުގެ ފުރަތަމަ ފުލައިޓް އޭއެފް 268 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން ހެނދުނު 08:10ގައެވެ.
އެއާ ފްރާންސުން ހަފުތާއަކު ތިން ދަތުރު ރާއްޖެއަށް ބާއްވާ އިރު މި ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ބޮއިން މަރުކާގެ 787 ޑުރީމްލައިނާއެވެ. މިއީ 270އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ ބޯޓެކެވެ.
އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމާ ގުޅިގެން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިނި މޫސުމާ ގުޅިގެން ޔޫރަފުގެ ގިނަ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާނެކަމަށެވެ.
"ޔޫރަފުގެ ދަތުރުތައް ފެށީމަ ޔޫރަފުން ރާއްޖެ އަންނަ ޓުއަރިސްޓުން ގިނަ ވާނެ،" އޭނާ ވިދާޅުވިއެވެ.
އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފެށީ 2017 ވަނަ އަހަރުއެވެ. އެއަށް ފަހު ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވައެވެ.