މިހާތަނަށް އެޅުވި އެންމެ ބޮޑު އެއް ކޮމެޑީ ޝޯ ކަމަށްވާ "ފްރެންޑްސް"ގެ ލީޑު ކާސްޓުން ދެ އެކްޓަރެއް ބޭރުކޮށްލަން ޕްރޮޑަކްޝަނުން އުޅުނު ކަމަށް ކާސްޓުން ބުނެފިއެވެ.

ފްރެންޑްސް ޓީވީ ޝޯ އޭ ބުނުމުން ހަނދާން ވާނީ ޝޯގެ މައިގަނޑު ހަ ކާސްޓު މެމްބަރުންނެވެ. އެއިން އެއްވެސް ކާސްޓު މެމްބަރަކާ ނުލާ ޝޯ ފުރިހަމަ ނުވާނެ ކަމަށް ފޭނުން ބުނެއެވެ.

ނަމަވެސް ޝޯގެ ޕްރޮޑަކްޝަން ވޯނާ ބްރޮސްއިން ކާސްޓު ކުޑަ ކުރުމަށް އެއްފަހަރަކު ކާސްޓުންނަށް ބިރު ދެއްކި ކަމަށް ކާސްޓުން ބުނެއެވެ.

މި ހުރިހާ ކަމެއް ވެސް ވެގެން ދިޔައީ ކާސްޓުންގެ މުސާރައާ ގުޅިގެންނެވެ. ޝޯގައި ކާސްޓުންނަށް ބޮޑު މުސާރައެއް ހަމަޖެއްސީ ޝޯއަށް ލިބެން ފެށި މަގުބޫލުކަމާއެކުގައެވެ. އެއާއެކު ބައެއް ކާސްޓުންނަށް އެޕިސޯޑަކަށް އެއް މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބެން ފެށިއެވެ. ނަމަވެސް އެގޮތަށް ހުރިހާ ކާސްޓުންނަށް އެއްވަރަކަށް ނުލިބޭތީ އެކަން މައްސަލައަކަށް ހަދަމުން ކާސްޓުން ދިޔައެވެ.

"އަހަރެމެން އެންމެން ގުޅިގެން ދިޔައީ ޝޯގެ ކާސްޓުގެ މުސާރަ ބޮޑު ކުރަން. އެންމެނަށް ވެސް އެއް އަދަދެއް ދިނުމަށް އަހަރެމެން އެދުނިން،" ޝޯގައި ރޮސް ގެލާގެ ރޯލުން ފެންނަ ޑޭވިޑް ޝްވިމާ ބުންޏެވެ.

އެ ހުށަހެޅުމާއެކު ޕްރޮޑަކްޝަނުން އައީ ބިރުވެރި ޖަވާބެއް ކަމަށް ޝޯގައި ރޭޗަލް ގްރީންގެ ރޯލުން ފެންނަ ޖެނިފާ އެނިސްޓަން ބުންޏެވެ. އޭނާ ބުނިގޮތުގައި ޕްރޮޑަކްޝަނުން އިޝާރާތް ކުރީ ކާސްޓު ކުޑަކުރުމަށެވެ. އަދި ޖުމްލަ ހަ އެކްޓަރުން ބޭނުން ނުވާ ކަމަށާއި ހަތަރު އެކްޓަރުންނާއެކުގައި ވެސް ޝޯ ކުރިއަށް ގެންދެވޭނެ ކަމަށް ޕްރޮޑަކްޝަނުން ހާމަކުރި ކަމަށް އެނިސްޓަން ބުންޏެވެ.

ނަމަވެސް އެހެން އެކަންތައް ނުވާނެ ކަމަށް އެނިސްޓަން ހަނދާންކޮށްދިނެވެ. ކާސްޓުގެ އެންމެ މެމްބަރެއް މަދުވި ނަމަވެސް ޝޯ އަށް ސަޕޯޓު ގެއްލޭނެކަން ޕްރޮޑަކްޝަނަށް ހަނދާން ކޮށްދިނެވެ. އެއާއެކު އެންމެފަހުން ޕްރޮޑަކްޝަނުން ލީޑް ހަ ކާސްޓު މެމްބަރުންގެ މުސާރަ އެއްވަރަކަށް ބޮޑު ކޮށްދިނެވެ. އަދި ކޮންމެ މެމްބަރަކަށް ވެސް އެޕިސޯޑަކަށް މިލިއަން ޑޮލަރުގެ އާމްދަނީއެއް ދިނުމަށް ނިންމިއެވެ.