02 Nov 2022, 11:16
މިހާރު އެންމެ މަގުބޫލު އެއް ޝޯޝަލް ޕްލެޓްފޯމް ކަމަށްވާ "ޓިކްޓޮކް"ގެ ކުރިން އެ ފޯމެޓަށް ކޮންޓެންޓު ގެނެސްދިން "ވައިން" އަލުން އަނބުރާ ގެނައުމަށް ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.
ޓްވިޓާގެ ބެލުމުގެ ދަށުގައި ހިންގި ވައިން ޕްލެޓްފޯމު ހުއްޓާލާފައިވަނީ 2016 ވަނަ އަހަރުގައެވެ. ޓްވިޓާއިން 2012 ވަނަ އަހަރު އެ ޕްލެޓްފޯމު ގަތުމަށްފަހު 2016 ވަނަ އަހަރުގައި ވިއްކާލާފައިވަނީ އެއަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ ކަމަށް ބުނެއެވެ.
މަޝްހޫރު ބިލިއަނަރު އީލޮން މަސްކް ވަނީ ދާދިފަހުން ޓްވިޓާ ގަނެފައެވެ. އެއާއެކު މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ ޓްވިޓާއަށް ބޮޑެތި ބަދަލުތައް ގެނައުމަށެވެ.
ވާހަކަދެެކެވޭ ގޮތުގައި، ވައިން އަލުން ތައާރަފުކުރުމަށް މަސްކް ވަނީ ދާދިފަހުން ޓީމަކާ އެކު ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި މަސްކު ވަނީ ޓްވިޓާގެ އިންޖިނިއަރުންނަށް ވައިން އަލުން ފެށުމާ ގުޅޭގޮތުން އަމުރުތަކެއް ދީފައެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރީން ވައިން އަލުން ފެށުމަށް މަސްކް ބޭނުންވާ ކަމަށް އެތެރޭގެ ބައެއް ވާހަކަތަކުން ހާމަވެއެވެ.
ކުދި ވިޑިއޯތަކުގެ ފޯމެޓު އެންމެ ފުރަތަމަ މަގުބޫލުކުރީ ވައިންއެވެ. އެއަށްފަހު އެ ޑިޒައިނަށް ޓިކްޓޮކް ތައާރަފުކޮށްފައިވާއިރު ޓިކްޓޮކް އަކީ މިހާރު އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް ޕްލެޓްފޯމެވެ.
ދެ ޕްލެޓްފޯމުގައި ހިމެނޭ އެންމެ ބޮޑު ތަފާތަކީ ޓިކްޓޮކުން ޔޫޒާއަށް ވީޑިއޯތައް ދޭނީ އަލްގޮރިދަމް މެދުވެރިކޮށެވެ. އެއާއެކު ޔޫޒާ ބަލާ ވީޑިއޯތަކާ ގުޅޭ ގިނަ ވީޑިއޯތައް ލިބޭނެއެވެ. ނަމަވެސް ވައިންގައި ވީޑިއޯ ލިބޭނީ ޔޫޒާ ފޮލޯކުރާ މީހުންގެ ކޮންޓެންޓުތަކާ ގުޅޭ ގޮތަށެވެ.