މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އާ އަލްބަމްގެ ލަވަތަކުގެ ތެރެއިން 10 ލަވައެއް، ބިލްބޯޑު މިއުޒިކް ޗާޓުގެ އެންމެ ގަދަ 10 ލަވަތަކުގެ ހުރިހާ ޖާގައެއް ހޯދައި މީގެކުރިން އެއްވެސް މީހަކު ހޯދާފައި ނުވާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

ޓޭލާގެ 10 ވަނަ ސްޓޫޑިއޯ އަލްބަމް "މިޑްނައިޓްސް" ވަނީ މިދިޔަ މަހުގެ 21ގައި ރިލީޒްކޮށްފައެވެ. އެއާއެކު އަލްބަމްގެ ލަވަތައް އަންނަނީ އެކި ކަހަލަ ރެކޯޑުތައް މުގުރަމުންނެވެ. އަދި ގިނަ ބައެއްގެ މެދުގައި ބޮޑު ލޯތްބެއް ލިބެމުން އަންނަ އެ އަލްބަމަށް ބޮޑު އާމްދަނީއެއް ވެސް އަންނަނީ ލިބެމުންނެވެ.

މިފަހަރު ޓޭލާ މިއޮތީ އެހެން އެއްވެސް އާޓިސްޓަކަށް ގާއިމުކުރެވިފައި ނުވާ ރެކޯޑެއް ހޯދާފައެވެ. މިއުޒިކްގެ އެންމެ ބޮޑު ޗާޓު "ބިލްބޯޑްސް"ގެ އެންމެ މަތީ ވަނަތައް ފުރާލާފައެވެ. ބިލްބޯޑްސްގެ ސިންގަލްތައް ހިމެނޭ "ހޮޓް 100"ގެ ގަދަ 10ގެ ހުރިހާ ނަމްބަރެއްގައި ހިމެނެނީ ޓޭލާގެ އާ އަލްބަމުން ލަވަތަކެވެ.

ޖުމްލަ 20 ލަވަ ހިމެނޭ އެ އަލްބަމްގެ 10 ލަވައެއް ޗާޓުގެ 10ގައި ހިމެނޭ އިރު އެ ޗާޓުގައި ހިމެނިފައިވާ ލަވަތަކުގެ ތަރުތީބަކީ

  1. އެންޓައި ހީރޯ

  2. ލެވެންޑާ ހޭޒް
  3. މެރޫން
  4. ސްނޯ އޮން ދަ ބީޗް (ފީޗަރިން ލާނާ ޑެލްރޭ)
  5. މިޑްނައިޓް ރެއިން
  6. ބީޖުވެލްޑް
  7. ކުއެޝަން
  8. ޔޫ އާ އޮން ޔޯ އޯން، ކިޑް
  9. ކާމާ
  10. ވިޖިލާންޓީ

މިއުޒިކުގެ ތާރީހުގައި ވެސް މި ރެކޯޑު ގާއިމުކޮށްފައިވާ ފުރަތަމަ ފަހަރަށް ވާއިރު މި ރެކޯޑާ އެންމެ ގާތްކޮށްފައިވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ ޑްރޭކްއެވެ. ޑްރޭކް މިދިޔަ އަހަރު ނެރުނު އަލްބަމް އާ އެކު ވަނީ ބިލްބޯޑުގެ ގަދަ 10ގެ ނުވަ ސްލޮޓުން ޖާގަ ހޯދާފައެވެ.

މި ހުރިހާ ރެކޯޑެއް ގާއިމުކުރި ނަމަވެސް މިހާތަނަށް ބިލްބޯޑުގެ ހޮޓް 100 ލިސްޓުގައި އެންމެ ގިނަ ލަވަ ހިމެނުނު ރެކޯޑް އަދި މުގުރައެއް ނުލެވެއެވެ. އެ ރެކޯޑު ގާއިމުކޮށްފައިވަނީ އެޑް ޝީރާން 2017 ވަނަ އަހަރުގައި ނެރުނު އަލްބަމް އާ އެކުގައެވެ. އެ އަލްބަމްގެ 17 ލަވައަކުން 16 ލަވައެއް ވަނީ ލިސްޓުގެ ގަދަ 100ގެ ކޮންމެ ވެސް ރޭންކެއްގައި ހިމެނިފައެވެ.