މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އާ ޗެއާމަން ކަމަށް ކާޒީ އަބޫ މުޙައްމަދު މާޖިދުއް ރަޙްމާން އަދި އާ ސީއީއޯ ކަމަށް މުފައްދަލް އިދުރީސް ޚުމްރީ އައްޔަންކޮށްފިއެވެ.

މާޖިދުއް ރަޙްމާން ޗެއާމަންގެ މަގާމަށް އައްޔަން ކުރީ އިއްޔެެއެވެ.

އޭނާ އެ މަގާމަށް އައްޔަނު ކުރީ 2012 ވަނަ އަހަރުން ފެށިގެން ޗެއާމަންގެ މަގާމުގައި ހުރި ނަޖްމުލް ޙަސަންގެ ބަދަލުގައެވެ.

މާޖިދުއް ރަޙްމާނަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެމްއައިބީގެ ބޯޑު މެންބަރުކަން ވެސް ކުރައްވަމުން އަންނަ ބޭންކިން ދާއިރާގެ ތަޖުރިބާކާރެކެވެ. މާޖިދުއް ރަޙްމާން ވަނީ މީގެ ކުރިން ބަންގްލަދޭޝްގެ އިތުރުން މެދުއިރުމަތި، އެފްރިކާ އަދި އޮސްޓްރޭލިއާގެ މާލީ އިދާރާތަކުގެ އެކި މަގާމުތައް ފުރުއްވާފައެވެ.

އެމްއައިބީގެ ހުސްވެފައިވާ ސީއީއޯގެ މަގާމަށް މުފައްދަލް އައްޔަނު ކުރީ މިއަދުއެވެ.

ބޭންކިން ދާއިރާގެ 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މުފައްދަލް އަކީ އިސްލާމިކް ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެކެވެ.

އެމްއައިބީގެ އާ ސީއީއޯ އަކަށް އައްޔަން ކުރި މުފައްދަލް އިދުރީސް ޚުމްރީ --- އެމްއައިބީ

އޭނާ ވަނީ އިސްލާމިކް ފައިނޭންސް ދާއިރާގައި 17 އަހަރު ޚިދުމަތް ކުރައްވާފައެވެ. 1997 ވަނަ އަހަރު ބޭންކިން ދާއިރާއާ ގުޅިވަޑައިގަތް މުފައްދަލް ވަނީ ކޮންސިއުމާ އަދި ކޯޕަރޭޓް ބޭންކިން، ޓްރެޒަރީ، ވެލްތު މެނޭޖްމަންޓް، ތަކަފުލް އަދި އިސްލާކި ބޭންކިންގެ އެކި ޕްރޮޑަކްޓްތައް މެނޭޖް ކުރައްވާފައެވެ.

އެމްއައިބީއާ ގުޅިވަޑައިގަތުމުގެ ކުރިން މުފައްދަލް ހުންނެވީ ސައުދީ ނެޝެނަލް ބޭންކުގެ ހެޑް އޮފް ރީޓެއިލް އެސެޓް ބިޒްނަސްގެ މަގާމުގައި ދުބާއީގައެވެ.

ހަމައެއާއެކު، ރަސް އަލް ޙައިމާ ބޭންކުގެ ޑައިރެކްޓަ އޮފް ރީޓެއިލް ބޭންކިންގެ މަގާމުވެސް މުފައްދަލް ފުރުއްވިއެވެ.

މުފައްދަލް ވަނީ ޔޫއޭއީގެ އެންމެ ބޮޑު ދެ ބޭންކު ކަމުގައިވާ އަބޫދާބީ ކޮމާޝަލް ބޭންކް އަދި ރަކް ބޭންކުގެ އިސްލާމިކް ޑިވިޝަންތައް އުފައްދަވައި އެތަންތަން ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

މުފައްދަލް ވަނީ މުމްބާއީ ޔުނިވާސިޓީއިން މެނޭޖްމަންޓުގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާ އޮކްސްފޯޑް ޔުނިވާސިޓީއިން ފިންޓެކް ކޯސް ފުރިހަމަކުރައްވާފައެވެ.

އެ މަގާމާ ހަވާލުވުމަށްފަހު މުފައްދަލް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ފަޚުރެކެވެ. އަދި އެ ބޭންކުގެ ކަސްޓަމަރުންނާއި ހިއްސާދާރުން، ބޯޑު މެމްބަރުން އަދި މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމަށާއި ޑިޖިޓަލް ބޭންކިން ފުޅާކުރުމާއި ރީޓެއިލް ކަސްޓަމަރުންގެ އިތުރުން ވިޔަފާރިތަކަށް ދެވޭ ޚިދުމަތް ފުޅާކޮށް އެމްއައިބީގެ ވިޔަފާރި ފުޅާކުރުމަށް ވަރުބަލިކަމެއްނެތި މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވިއެވެ.

އެމްއައިބީއިން ކުރާ ހުރިހާ ކަމެއްވެސް ޝަރީޢާގެ ހަމަތަކުގެ މަތިން ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ އަރުވާފައެވެ. އަދި ރާއްޖޭގައި އިސްލާމިކް ބޭންކިން އިތުރަށް ފުރިހަމަކޮށް ފުޅާކުރުމަށް އިސްކަން ދޭނެކަމަށް މުފައްދަލް ވިދާޅުވިއެވެ.