05 Apr 2012, 12:59
ސިނަމާލޭ ފްލެޓް ތެރެއިން ޒުވާނެއްގެ ގަޔަށް ވަޅިހަރައި ވަރަށް ޒަޚަމްކޮށްލައިފި އެވެ. މިއަދު ވަޅި ހަރާފައިވަނީ ޏ. ފުވައްމުލަށް، ހޯދަޑު އަވަށު އަހުމަދު ނަޒީމް 24، ގެ ގަޔަށެވެ.
މަންޒަރުދުށް މީހަކު ބުނީ މިއަދު 11:30 އެހާކަން ހާއިރު ނަޒީމްގެ ގަޔަށް ވަޅި ހަރާފައި ވަނީ ސިނަމާލެ ފުލެޓްގެ ގޯތިތެރެއިން ކަމަށާއި ވަޅި ހެރުމާއެކު ނަޒީމް ޒަހަމްތަކާއެކު ގަލޮޅު މަދަރުސާ ކުރިމަތިން ދުވެފައި ދިޔައީ ލޮނުޒިޔާރަތް މަގުން ޗާންދަލިއާ ފޮތް ފިހާރަ ކުރިމައްޗަށް ކަމަށެވެ. އެހިސާބަށް ދެވުނުތަނާ ބިންމައްޗަށް ވެއްޓުނީ ކަމަށް ވެސް އެމީހާ ބުންޏެވެ. އަދި ބުނީ ނަޒީމް ވެއްޓުނު ވަގުތު އެސަރަހައްދުގައި ތިބި ބަޔަކު އޭނާ ޕިކަޕަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ.
"ސީދާ ވަޅި ހެރި މަންޒަރެއް އަޅުގަނޑު ނުދެކެން، އަދި ވަޅި ހެރި މީހުންނެއްވެސް ނުދެކެން. ވަޅި ހަރާފައި ހުއްޓާ އޭނާ ފުލެޓްތެރެއިން ނުކުމެގެން ދުވެފައި ގަލޮޅު މަދަރުސާ ކުރިމަތިން ދިޔައީ ލޮނުޒިޔާރަތް މަގުން ޗާންދަލިޔާ ކުރިމަތިން އެމަންޒަރު އަޅުގަނޑަށް ފެނުނު،" އެމީހާ ބުންޏެވެ.
ނަޒީމަށް އައިޖީއެމްއެޗްގައި މިވަގުތު ދަނީ ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުން ބުނީ ނަޒީމް ހޮސްޕިޓަލަށް ގެންދިޔައީ 12:50 އެހާކަންހާއިރު ކަމަށާއި ނަޒީމްގެ ބުރަކަށީގެ ދެ ތަނަކަށް ވަޅިހަރާފައިވާތީ މިހާރު ފަރުވާދެމުން އަންނަކަމަށެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ތުހުމަތު ކުރެވޭ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ފަށާފައިވާ ކަމަށެވެ.
ސަންއޮންލައިންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު ސިނަމާލޭ ފުލެޓްގެ ތެރެއިން ފެށިގެން ގަލޮޅު މަދަރުސާ ކުރަމަތިން ގޮސް ލޮނުޒިޔާރަތް މަގު ޗާންދަލިޔާ ހުރި ސަރަހައްދުގެ ބިންމަތީގައި ވަރަށް ގިނައިން ލޭހޭކިފައި ހުއްޓެވެ. އަދި އެ ސަރަހައްދު ބަންދުކޮށްގެން ފުލުހުން ދިޔައީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަމުންނެވެ.
ނަޒީމުގެ ގަޔަށް ވަޅި ހެރިއިރު މިދިއަ އާދީއްތަ ދުވަހުގެ ހަވީރު ވެސްޓްޕާކް ކައިރިން ވެސް ވަނީ މީހެއްގެ ގަޔަށް ވަޅި ހަރާ މަރާލާފަ އެވެ. އެ މައްސަލައާ ގުޅިގެން ފަސްމީހަކު ފުލުހުން ވަނީ ހައްޔަރުކޮށް ތަހުގީގު ފަށާފައިވާއިރު އާންމުންނާއި ފުލުހުންނަށް ތޫނު އެއްޗިހިން ހަމަލާދިނުން ވަނީ އާންމު ކަމަކަށް ވެފައެވެ.